01 ސެޕްޓެމްބަރ 2025 - 09:50

އިނގިރޭސިވިލާތުގެ މަޝްހޫރު ޝެފް ގޯޑަން ރަމްޒީ ހަމުގެ ކެންސަރަށް ފަރުވާކުރަމުން އަންނަކަން އޭނާ ހާމަކޮށްފި އެވެ.
އުމުރުން 58 އަހަރުގެ ގޯޑަން ހަމުގެ ކެންސަރަށް ފަރުވާކުރަމުން އަންނަކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމްގައި މިދިޔަ ހޮނިހިރު ދުވަހު ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އޭނާގެ ކާނަތު ކަންފަތުގެ ތިރީގައި އަޅާފައި ހުރި ބޭސްގަނޑު ފެންނަ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓުގައި ގޯޑެން ބުނީ އޭނާގެ ހަމުގައި އުފެދިފައި ހުރި ކެންސަރުގެ ބާވަތެއް ކަމަށްވާ "ބޭސަލް ސެލް ކާސިނޯމާ" ނަގައި ފަރުވާދިން ލަންޑަންގެ ދަ ސްކިން އެސޯސިއޭޓްސްއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެންމެން ވެސް އަތްވަށް ނުކުންނައިރު ސަންސްކްރީން ބޭނުންކުރަން އޭނާގެ ޕޯސްޓުގައި ބުންޏެވެ.
"ބޭސަލް ސެލް ކާސިނޯމާ"އަކީ އާންމުކޮށް އިރުގެ އަލި ހަމުގައި ޖެހޭ ތަންތަނުގައި އުފެދޭ ކެންސަރުގެ ބާވަތެކެވެ.
ގޯޑެން އޭނާގެ ސިއްހަތާ ގުޅޭ ވާހަކައެއް މި ހިއްސާކުރީ ސައިކަލެއް ދުއްވަނިކޮށް އެކްސިޑެންޓުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އޭނާ ފަރުވާ ހޯދިތާ އަހަރެއްހާ ދުވަސް ވީ ފަހުންނެވެ. އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް، ގައިގެ އެކި ތަންތަން ވަރަށް ބޮޑަށް މަށައިގެން ގޮސްފައި ހުރި ކަމަށް ގޯޑެން ބުނެފައިވެ އެވެ.