މީޑިއާ ބިލްގެ މައްސަލަ ހައްލުކުރަން ނަޝީދަށް ފެނިވަޑައިގަތީ ސިޔާސީ ޕާޓީތައް ބައްދަލުވާން!
މީޑިއާ ބިލްގެ މައްސަލަ ހައްލުކުރަން ނަޝީދަށް ފެނިވަޑައިގަތީ ސިޔާސީ ޕާޓީތައް ބައްދަލުވާން!

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި ނޫސްވެރިން ވެސް ދެކޮޅު ހަދަމުން އަންނައިރު، މައްސަލައިގެ ހައްލަކީ ސިޔާސީ ޕާާޓީތައް ބައްދަލުކޮށް، މަޝްވަރާ ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފާއިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ ބިލް ވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ފަށައިފަ އެވެ.

މީޑިއާ ބިލްގެ މައްސަލަ "ބޮޑު ގައުމީ" ކަމަކަށް ވެފައި ވަނިކޮށް، ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ނަޝީދު ވިދާޅުވީ، އެއާ އެކު ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ އަށް މުހިންމު ކަމަށާއި ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މީޑިއާ ބިލާ ގުޅޭ ގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭނުންތެރި،" އެކްސްގައި ނަޝީދު ވިދާޅުވި އެވެ.

ބިލް ދިރާސާ ކުރާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މީޑިއާއާ ގުޅޭ ދައުލަތުގެ ދެ މުއައްސަސާ ކަމަށްވާ ބްރޯޑްކޮމް އާއި މޯލްޑިވްސް މީޑިއާ ކައުންސިލް މިއަދު ހާޒިރު ކުރުމުން އެ ދެ އިދާރާ އިން ވެސް ވެސް އެ ބިލްގައި ހުރި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ސެލްފް ރެގިއުލޭޓްރީ ނިޒާމެއްތޯ ނޫނީ ކޯ ރެގިއުލޭޓްރީ ނިޒާމެއްތޯ ވެސް ބަލަން ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި އެކަން ނުބަލައި ގާނޫނެއް ގެނަޔަސް އެއިން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. ބިލު ޑްރާފްޓް ކުރުމުގެ މަރުހަލާގެ ތެރޭގައި ހިޔާލާއި މަޝްވަރާ ބޭނުންވަނީ އެހެންވެކަން އޭނާ ފާހަގަކުރެއްވި އެވެ.

މީޑިއާ ކައުންސިލުން ކޮމިޓީގައި މިއަދު ބުނީ، މީޑިއާ ބިލު ތައްޔާރު ކޮށްފައި އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ކަމަށާއި އެ ބިލުގައި ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށެވެ.

އެހެންވެ، އެމްއެމްސީން އެދޭ ގޮތަކީ ކަމާ ގުޅޭ ފަރާތްތަކާ އެކު ފުޅާ ގޮތެއްގައި މަޝްވަރާކޮށްގެން ބަންޑާރަ ނައިބުގެ އޮފީހުން އާ ބިލެއް އެކުލަވާލުން ކަމަށް އެމްއެމްސީގެ ރައީސް ހުސެއިން ސަގީފު ވިދާޅުވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލު އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީގައި ސަގީފު އެދިވަޑައިގަތެވެ. މިހާރު ހުށަހަޅާފައި އޮތް ބިލު އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ބިލުގެ ސަބަބުން އުފެދިގެން ދާނީ އިތުރު ކަންބޮޑުވުންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީޑިއާގެ ބިލްގެ މައްސަލާގައި އެމްޖޭއޭ އާއި ބައެއް ނޫސްވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ވެސް ބިލަށް އަދި އިސްލާހުތަކެއް ހުށަހަޅާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެ ބިލްގައި އެ މަނިކުފާނަށް ބާރު ލިބިވަޑައިގަންނަވާ ގޮތަށް ހުރި މާއްދާތައް އިސްލާހުކޮށް، ރައީސަށް މީޑިއާ ކޮންޓްރޯލް ނުކުރެވޭ ގޮތަށް ހައްދަވާނެ ކަމަށެވެ.

އެ ބިލުގެ ދަށުން ނޫސްވެރިން، 25،000ރ. އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ނޫސްތައް 100،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް މި ބިލުގައިވެ އެވެ. މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ބިލު ތަސްދީގު ކުރުމުގެ ކުރުމުގެ އެއް އަހަރު ކުރީގެ ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވެ އެވެ.

އެ ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ އެ ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ކުރިން ނިންމަން ފާސްކޮށްފަ އެވެ.

އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެންބަރުން ތިބުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ކަމަށްވާ ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް ކަމަށެެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮތުން ހިމެނެ އެވެ.

ބިލުގައި ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެއް ކަމެއް އެނގެން ނެތުމަކީ ވެސް ނޫސްވެރިންގެ ކަންބޮޑުވުމެކެވެ.