26 މާޗް 2017 - 06:14

އަނުޝްކާ ޝަރުމާ އާއި ދިލްޖީތު ދޮސާންޖް، އަދި ސޫރަޖް ޝަރުމާގެ "ފިލޯރީ"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު، އެ ފިލްމު ވަރަށް ރީތިވާނެ ކަމަށް އުންމީދުކުރި މީހުން ގިނަ އެވެ. ނަމަވެސް ހުކުރު ދުވަހު ފިލްމު ރިލީޒްކޮށްފައި ވާއިރު ފިލްމު ބެލި ގިނަ މީހުން ބުނަނީ އަނުޝްކާ އާއި ދިލްޖީތު އަދި ސޫރަޖް ވަރަށް މޮޅަށް ޕާފޯމް ކޮށްފައި ވިޔަސް ފިލްމު ވަރަށް ފޫހި ކަމަށެވެ.
"ފިލޯރީ" އަކީ ކަނަން (ސޫރަޖް ޝަރުމާ) އަށް ދިމާވާ ހާދިސާތަކެކެވެ. އޭނާގެ ލޯބީގެ ހަޔާތަށް ދިމާވަމުންދިޔަ ހުރަސްތައް ނައްތާލުމަށްޓަކައި އޭނާ ގަހަކާ ކައިވެނި ކުރެ އެވެ. ހަގީގަތުގައި ގަހާ ކައިވެނިކުރުމުގެ ތެރޭގައި އޭނާއަށް ކައިވެނި ކުރެވެނީ ޝަޝީ (އަނުޝްކާ ޝަރުމާ)ގެ ރޫހާ އެވެ. އޭނާ އަށް ފުރިހަމަ ނުވެ އޮތް ކޮންމެވެސް ކަމެއް އޮވެގެން އޭނާއަށް މި ދުނިޔޭން ނުދެވި ތާށިވެފައި ހުރީ ކަމަށް ފިލްމުގައި ދައްކަ އެވެ.
ދެން ފެންނަނީ ވަރަށް ހެއްވާ މަޖާ ގޮތްގޮތަށް ޝަޝީއަށް އެހީވާން އޭނާ ކޮށްދޭ މަސައްކަތްތަކެވެ. މިހާ ޝައުގުވެރި ވާހަކައަކަށް އުފައްދާފައިވާ ފިލްމަކަށް ވާތީ ބެލުންތެރިންނަށް ވެސް ފިލްމު ކަމުދާނެކަމަށް ގިނަ ބަޔަކު ތިބީ ހީކޮށްގެންނެވެ.
ނަމަވެސް ހެނދުނާއި ހަވީރުގެ ޝޯތައް ނިމުނުއިރުވެސް ސިނަމާތަކަށް ދިޔަތަން ފެނުނީ މަދު ބައެކެވެ. އެންމެ ފަހުން ބެލުންތެރިންގެ ރިވިއު ވީޑިއޯއަށް ބަލާލުމުން ގިނަ ބަޔަކަށް ފިލްމު ކަމުނުދިޔަކަން ހާމަވި އެވެ.
ފިލްމު ބެލި މީހުންގެ ނަޒަރުގައި އަނުޝްކާ އާއި ދިލްޖީތު އަދި ސޫރަޖް ވަރަށް މޮޅަށް މި ފިލްމުގައި އެކްޓްކޮށްފައިވެ އެވެ. ނަމަވެސް އުންމީދުކުރިހާ މޮޅު ފިލްމަކަށް ނުވީ އެވެ. ޚާއްސަކޮށް ދެ ވަނަ ހާފު ވަރަށް ފޫހި ކަމަށް ފިލްމު ބެލި މީހުން ބުނެ އެވެ.
ބޮކްސް އޮފީހުގެ ނަތީޖާއަށް ބަލާއިރު ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ އެންމެ 2-3 ކްރޯޑު (20.30 މިލިއަން ރުޕީސް) އެވެ. އަނުޝްކާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ބަޖެޓަކީ 21 ކްރޯޑު (2.1 ބިލިއަން ރުޕީސް) އެވެ.