31 އޯގަސްޓް 2025 - 14:16

އެމްއެންޑީއެފްގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ބްރިގޭޑިއާ ޖެނަރަލް އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.

ނަޝީދު ރިޓަޔާކުރެއްވުމާ ގުޅިގެން ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި ޣައްސާން ވަނީ ނަޝީދުގެ ހިދުމަތް ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ސިޓީފުޅެއް، ނަޝީދުއާ ހަވާލުކޮށްދެއްވައިފަ އެވެ.
ސިފައިންގެ އިން ޝަރަފްވެރިކަމާ އެކު ނަޝީދު ވަކިވެވަޑައިގެންނެވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓާ ޖެނަރަލް އަދި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމުގަ އެވެ.
ނަަޝީދުގެ ދިގު އަސްކަރީ ހިދުމަތުގައި އޭނާ ވަނީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓާގެ މަގާމާއި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމު ފުރުއްވައިފަ އެވެ. މީގެ އިތުރުން ކޮމާންޑިން އޮފިސަރުގެ މަގާމާއި ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރެއްގެ މަގާމް ވެސް ފުރުއްވެވި އެވެ. ދެން އޭނާ ފުރުއްވީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމު އަދި ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމެވެ.
ނަޝީދު ރިޓަޔާކުރެއްވިއިރު ހުންނެވި ރޭންކް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް އަކީ ސިފައިންގޭގެ ހަތަރު ވަނަ އަށް އެންމެ މަތީ ރޭންކެވެ. އޭގެ މަތިން ކުރެވޭ ރޭންކުތަކަކީ މޭޖާ ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް، އަދި ޖެނެރަލް އެވެ.