31 އޯގަސްޓް 2025 - 12:44

މިދިޔަ އަހަރު ގައުމީ މުބާރާތުން ނުފެނުނު މުހައްމަދު ޝައްފާން އިސްމާއީލް އެނބުރި އައިސް ގައުމީ މުބާރާތުގެ ތަށި ކާމިޔާބު ކޮށްފި އެވެ.

މިދިޔަ އަހަރު މުބާރާތުގައި ޝައްފާން ވާދަ ނުކުރެ އެވެ. އޭރު އޭނާ ހުރީ ޓީޓީގެ ތަމްރީނު ޕްރޮގްރާމެއްގައި އިންޑިއާގެ ނިއުދިއްލީގަ އެވެ.
އޭގެ ކުރީގެ ދެ އަހަރު ވެސް ގައުމީ މުބާރާތުގެ ތަށި ހޯދީ ޝައްފާނެވެ. އެ ދެ ފަހަރު ވެސް އޭނާ ކާމިޔާބު ހޯދީ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް ބަލި ކުރުމަށް ފަހު އެވެ.
މި ފަހަރުގެ ފައިނަލުގައި ވެސް ޝައްފާނާ ދެކޮޅަށް ނުކުތީ މުންސިފެވެ.
ޝައްފާން މެޗު ކާމިޔާބު ކުރީ 4-1 ގޭމުންނެވެ. ވާދަވެރި މެޗުގެ ފުރަތަމަ ގޭމް މުންސިފް ކާމިޔާބު ކުރި އެވެ. އެކަމަކު ފަހަތުން އަރައި ޝައްފާން ވަނީ އަނެއް ހަތަރު ގޭމް ކާމިޔާބު ކޮށްފަ އެވެ.
ސިންގަލްސް ޗެމްޕިއަންކަން ހޯދި ނަމަވެސް ޑަބަލްސް އިވެންޓްތަކުން ޝައްފާނަށް ކާމިޔާބެއް ނުވި އެވެ.
ފިރިހެން ޑަބަލްސްގައި އިބްރާހިމް އައުޒަމް އަޒީމާއި ޝައްފާންގެ ޕެއާ ބަލިވީ މުންސިފާއި މުހައްމަދު ޒީސްތު ނަސީމުގެ ޕެއާ އަތުންނެވެ.
މިކްސްޑް ޑަބަލްސްގައި ޝައްފާނާއި ދީމާގެ ޕެއާ ބަލިވީ މުންސިފާއި އާއިޝަތު ރަފާ ނާޒިމުގެ ޕެއާ އަތުންނެވެ.