ތަމްރީނަކަށް ފަހުގައި ނޫނީ ބްރޯޑްކާސްޓިން ދާއިރާގެ ނޫސްވެރިންނަށް ފާސް ނުލިބޭ ގޮތް ހަދަނީ
ތަމްރީނަކަށް ފަހުގައި ނޫނީ ބްރޯޑްކާސްޓިން ދާއިރާގެ ނޫސްވެރިންނަށް ފާސް ނުލިބޭ ގޮތް ހަދަނީ

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސް ދޫކުރާނީ ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ހަމަޖައްސައިފި އެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށްފައިވާ "ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު" ގަ އެވެ. ނަމަވެސް މިގޮތަށް އަދި އަމަލުކުރަން ފަށާނީ ކޮމިޝަނުން އުސޫލު ޝާއިއުކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

މިއީ ފާސް ދޫކުރުމުގެ އިތުރުން، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުމާއި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަގްސަދުގައި ހެދި އުސޫލެއް ކަމަށް ކޮމިޝަނުން ބުންޏެވެ.

އެ އުސޫލުގެ ދަށުން ޕްރެސް ފާސް ދޫކުރާނީ ޓީވީތަކާއި ރޭޑިއޯތަކުގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނާއި ޕްރެޒެންޓަރުންނާއި ލިޔުންތެރިންނާއި ކޮލަމިސްޓުންނާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓުންނަށެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި، އެކްރެޑިޓްކުރަން ހުށަހަޅާ ނޫސްވެރިންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ.

އެކްރެޑިޓްކުރަން ހުށަހަޅާ ނޫސްވެރިންނަކީ ފާއިތުވި ފަސް އަހަރު ތެރޭ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް މި އުސޫލުގައިވެ އެވެ.

- ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު).

- ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް.

- ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރަންވީ ގޮތް.

- ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރަންވީ ގޮތް.

- މުޒާހަރާ އާއި ހަލަބޮލި ހާލަތްތައް ކަވަރުކުރަންވީ ގޮތުގެ ގައިޑްލައިން.

- އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން.

ފަސް އަހަރުގެ މުއްދަތަކަށް ދޫކުރާ އެ ކާޑު ބާތިލުކުރެވޭނެ ހާލަތްތަކާއި ކާޑު ހިފެހެއްޓޭނެ ހާލަތްތަކެއް ވެސް މި އުސޫލުގައި ހިމަނާފައިވެ އެވެ.

- ކާޑު ދޫކޮށްފައިވާ ފަރާތުގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެއްޖެ ނަމަ ކާޑު ބާތިލުކުރެވޭނެ.

- އެކްރެޑިޓްކޮށްފައިވާ ކާޑު ދޫކޮށްފައިވާ ފަރާތަކަށް ތަކުރާރުކޮށް ކަމެއް އިސްލާހުކުރުމަށް ކޮމިޝަނުން އެންގުމަށްފަހު އެކަމެއް އެ ފަރާތަކުން އިސްލާހުނުކޮށްފި ނަމަ ވެސް އެ ކާޑު ބާތިލުކުރެވޭނެ.

- ކާޑު ދޫކޮށްފައިވާ ފަރާތުން އުފައްދާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާ ކަމަށް ކޮމިޝަނަށް ސާބިތުވާ ނަމަ، ކާޑު ހިފެހެއްޓޭނެ.

- ކާޑު ދޫކޮށްފައިވާ ފަރާތަކުން ނޫސްވެރިކަމުގެ މާޙައުލުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ހިންގިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވެއްޖެ ނަމަ، ކާޑު ހިފެހެއްޓޭނެ.

އުސޫލުގައި ވަނީ ހިދުމަތްދޭ ފަރާތްތަކުގައި މަސައްކަތްކުރުމަށް އެކްރެޑިޓް ކާޑު ދޫކުރެވޭ ފަރާތްތަކުގެ ދަފްތަރެއް ވެސް އެކުލަވާލައި އާންމުކުރަން ޖެހޭނެ ކަމަށެވެ.