26 މާޗް 2017 - 06:12

މީގެ ދެތިން ރޭ ކުރިން މުމްބާއީގައި ބޭއްވި "އެޗްޓީ މޯސްޓް ސްޓައިލިޝް އެވޯޑް 2017" ގެ އިވެންޓުގައި ގިނަ ބަޔެއްގެ ސަމާލުކަން ބޮޑަށް ލިބުނީ އެވޯޑު ލިބުނު މީހުންނަށް ވުރެ ބޮޑަށް ދީޕިކާ ޕަދުކޯން އަށާއި ނީތޫ ސިންގަށެވެ. ނީތޫ އަކީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ އަދި ފިލްމީ ބަތަލު ރަންބީރު ކަޕޫރުގެ މަންމަ އެވެ. ދީޕިކާ އާއި ނީތޫ ކައިރީގައި އިށީނދެގެން ތިބިއިރު ވަރަށް މަޖާކޮށް ވާހަކަ ދައްކާ ހެނިކޮށް ފެނުނެވެ.
ރަންބީރާއި ދީޕިކާ ރުޅިވިތާ ވަރަށް އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ނީތޫ އާއި ދީޕިކާގެ ގާތް ގުޅުމަށް އެއްވެސް ވަރެއްގެ ބަދަލެއް އައި ކަމަކަށް އެ ރޭގެ މަންޒަރުތަކުން ހިއެއް ނުވެ އެވެ.
ދީޕިކާ ދެކެ ނީތޫ ވަރަށް ލޯބިވެ އެވެ. ރަންބީރު ދީޕިކާއާ ރުޅިވުމަށް ފަހު ކެޓުރީނާ ކައިފާ ރައްޓެހިވުމުން ވެސް ނީތޫ ވަރަށް ހިތްހަމަނުޖެހުނެވެ. މިހާރު ރަންބީރާއި ކެޓުރީނާގެ ގުޅުން ކެނޑި ރަންބީރު ހުރީ ހުސްކޮށެވެ. އެހެންވެ، ރަންބީރާއި ދީޕިކާ ގުޅުވަން ނީތޫ ބޭނުންވަނީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ދީޕިކާ އާއި ރަންވީރު ސިންގް ރައްޓެހިވެގެން އުޅޭތީ ނީތޫ އެދުނަސް އެ ފުރުސަތު އޮތް ހެނެއް ހިއެއް ނުވެ އެވެ.
އެޗްޓީ މޯސްޓް ސްޓައިލިޝް އެވޯޑުގެ އެންމެ ފަޚުރުވެރި އެއް އެވޯޑު މިފަހަރު ލިބުނީ ވެސް ދީޕިކާ އަށެވެ. އެއީ "މޯސްޓް ސްޓައިލިޝް ގްލޯބަލް އައިކަން އޮފް ދަ އިޔާ"ގެ އެވޯޑެވެ. ދީޕިކާއަށް މި އެވޯޑު ވަރަށް ހައްގެވެ. ސަބަބަކީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ޕްރޮމޯޓްކުރުމަށް ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށް ގިނަ އިވެންޓުތަކެއްގައި އޭނާ ބައިވެރިވެފައިވާތީ އެވެ. އަދި މިފަދަ އިވެންޓުތަކުގައި އޭނާ އެޅި ގިނަ ހެދުންތަކަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ.
މި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ދީޕިކާ އާއި ނީތޫގެ އިތުރުން ކާޖޮލް، އަޖޭ ދޭވްގަން، ސިދާރްތު މަލްހޯތުރާ، އަމީތާބު ބައްޗަން، އާލިއާ ބަޓް، ވަރުން ދަވަން، ދިޝާ ޕަޓާނީ، ޖޯން އެބްރަހަމް، ޕޫޖާ ހެގްޅޭ އަދި ޕްރިނީތީ ޗޯޕްރާ ބައިވެރިވި އެވެ.