15 ޖޫން 2016 - 02:27

ސެއިން-އެޓީން، ފްރާންސް (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކުޑަކުޑަ ގައުމެއް ކަމަށްވާ އައިސްލެންޑުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާ 1-1 އިން އެއްވަރުކޮށްފި އެވެ.
ތިން ލައްކައެއްހާ މީހުން ދިރިއުޅޭ އައިސްލެންޑުން މި އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވުއިރު، ޔޫރަޕުގެ ގަދަބާރެއް ކަމަށްވާ ޕޯޗުގަލް ހިފެހެއްޓުމުގައި އެ ޓީމުން މިރޭ ދެއްކި ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު އޮއްސަމުންނެވެ.
މިރޭގެ މެޗު ފަށައިގެން އައިސްލެންޑުން ލީޑު ނުނެގީ ކިރިޔާ އެވެ. ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީއަށް ކުޅޭ ގިލްފީ ސިގާސަން ފުލުފުލުގައި ފޮނުވާލި ދެ ހަމަލައިގެ ހުރަހަކީ ޕޯޗުގަލްގެ ގޯލްކީޕަރެވެ. ޕޯޗުގަލް އިން ލީޑު ނެގީ 31 ވަނަ މިނެޓުގަ އެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު ލުއިސް ނާނީގެ މި ލަނޑާ އެކު ފަސޭހަކަމާ އެކު ޕޯޗުގަލް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އައިސްލެންޑުން ވަނީ އެއްވަރުކޮށްފަ އެވެ. އެ ޓީމަށް ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ފުރަތަމަ ލަނޑު ޖަހައިދިނީ ކުރިން އިޓާލިއަން ލީގުގައި ފާހަގަވި ބިއާޑްނަސަން އެވެ.
ދެ ވަނަ ހާފުގައި ޕޯޗުގަލްގެ މުޅި ޓީމު ކުރިއަށް ޖެހިގެން ހަމަލާތައް ފޮނުވި ނަމަވެސް އައިސްލެންޑުން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގައި ޕޯޗުގަލް އިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރޮނާލްޑޯ އަށެވެ. އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބާރު ބޯޅަ އައިސްލެންޑް ގޯލްކީޕަރު މަތަކުރީ އެވެ. ފަހުން ރަނގަޅު ހިސާބަކުން ދެ ހިލޭ ޖެހުން ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ. މެޗުގެ ފަހުކޮޅު އައިސްލެންޑުން ވެސް ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު އެ ޓީމުގެ ކަރީ އާނަސަން އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ޕޯޗުގަލްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މި ގްރޫޕުގެ ފުރަތަމަ މެޗުގައި މިރޭ ހަންގޭރީ ވަނީ އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރެއް ކަމަށްވާ ހަންގޭރީ އަށް ލަނޑު ޖަހައިދިނީ އެޑަމް ސަލަޒާއީ އާއި ޒޮލްޓަން ސްޓީބާ އެވެ. މި މެޗުގެ 66 ވަނަ މިނެޓުގައި އޮސްޓްރިއާގެ ޑްރަގޮވިޗަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
ތިން ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި ހަންގޭރީ އޮތްއިރު ޕޯޗުގަލާއި އައިސްލެންޑް އޮތީ އެއް ޕޮއިންޓާ އެކު އެވެ. އޮސްޓްރިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.