31 އޯގަސްޓް 2025 - 11:33

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ސްރީ ލަންކާގެ ތިން މީހަކާއި ބަންގްލަދޭޝް މީހެކެވެ. ލަންކާ ތިން މީހުންނަކީ ސެނިތު ހެޝަން ވިކްރަމަސިންހަ، 29، އާއި ދުލިތު މަޑުސާކާ، 39، އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން 24، އެވެ.
ބަންގަލަދޭޝް މީހަކީ ޖަހަންގިރު ހޮސައިން، 35، އެވެ.
ފުލުހުން ބުނީ ލަންކާ މީހުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި އެ އޮޕަރޭޝަނެއްގައި ކަމަށެވެ. ހެންވޭރު ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުހް ބުންޏެވެ.
ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު އެވެ. ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް ޝައްކު ކުރެވިގެން ހުއްޓުވައި ފާސްކުރި އިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ނުވަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދަށް 10 ދުވަސް ވަނީ ކޯޓުން ދީފަ އެވެ.
ބަނގުރާ ގެންގުޅުމާއި ވިއްކުމުގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މި ފަހުން ވެސް ހައްޔަރުކޮށްފައިވެ އެވެ. މާލޭގައި ރާ ކައްކައި ވިއްކަމުން ދިޔަ ބަޔަކު ވެސް މި ފަހުން އަތުލައިގެންފައިވެ އެވެ.
މިދިޔަ ބުސާފަތި ދުވަހު ބަނގުރާ ފުޅިތަކަކާ އެކު ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި މަހު 25 ވަނަ ދުވަހު ފުލުހުން ވަނީ ޕިކަޕެއް ހުއްޓުވައި 144 ދަޅު ބަނގުރާ އަތުލައިގެންފަ އެވެ.