މީޑިއާ ބިލު އަނބުރާ ގެންދަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ގޮވާލައިފި
މީޑިއާ ބިލު އަނބުރާ ގެންދަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ގޮވާލައިފި

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ބިލު މަޖިލހުން ބޭރުކޮށްލަން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ވެސް ގޮވާލައިފި އެވެ.

މީޑިއާ ބިލު އަނބުރާ ގެންދަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ގޮވާލައިފި
މީޑިއާ ބިލު އަނބުރާ ގެންދަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ގޮވާލައިފި

ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ބުނީ އާ މީޑިއާ ބިލުގައި ކަންބޮޑުވާ ކަންކަން އެބަ ހުރި ކަމަށާއި އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެެވެ.

މީޑިއާ ބިލު އަނބުރާ ގެންދަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ގޮވާލައިފި
މީޑިއާ ބިލު އަނބުރާ ގެންދަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ގޮވާލައިފި

އާރުއެސްއެފް އިން ބުނި ގޮތުގައި މީޑިއާ ރިފޯމު ކުރުމުގެ ނަމުގައި ހުށަހަޅާފައިމިވާ ބިލަކީ މީޑިއާއަށް ސަރުކާރުގެ ނުފޫޒު ހިންގަން ހުށަހަޅާފައިވާ ބިލެކެވެ.

މީޑިއާތަކާ މަޝްވަރާނުކޮށް ހުށަހަޅާފައިވާ މި ބިލު މަޖިލީހުން ބަލައިގަތީ ދައުރުން ބޭރުގައި މަޖިލީހުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާއެކު އެވެ.

އެ ބިލު ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި އެ ބިލަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކޮމިޓީން ހުޅުވާލުމަށް ފަހު އަންނަ މަހުގެ 15 އަށް ބިލުގެ މަސައްކަތް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އާރުއެސްއެފް އިން ބުނީ ސަރުކާރުން މީޑިއާ ކޮންޓްރޯލްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ބިލު އޮތުމަކީ ގައުމުގެ މިނިވަން މީޑިއާއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އެ ބިލު މަޖިލީހުން ބަލައިގަތީ ވެސް ބިލު ބޭރުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ބިލު ބަލައިގަތުމުން ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ވެސް ނޫސްވެރިން އަޑުގަދަކުރަނިކޮށް ފުލުހުން ވަނީ ބައެއް ނޫސްވެރިން ފުލުހުންގެ ވެހިކަލަށް ވެސް އަރުވައިގެން ގެންގޮސްފަ އެވެ. ނަމަވެސް އެ ނޫސްވެރިން ހައްޔަރުނުކޮށް އެ ވަގުތު ދޫކޮށްލި އެވެ.

އާރުއެސްއެފްގެ ބަޔާނުގައި ވަނީ ސަރުކާރުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މަޖިލީހުގެ ތަޅުމުގައި ނޫސްވެރިން ޖަލަށް ލާންވީ ނޫން ކަމަށާއި އުލުބައިންދަންވީ ކަމަށް ބުނެ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެމްޖޭއޭ އިން ދެއްކި ވާހަކަތައް ވެސް ފާހަގަކޮށްފަ އެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލު ފާސްކުރުމަށް ފަހު އުފައްދާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދެވޭ ގޮތަށް ބިލުގައި އޮތްއިރު އެ ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޯޓު އަމުރެއް ނެތި ނޫސް ވެބްސައިޓުތައް ބްލޮކްކުރެވޭ ގޮތަށް އޮތް އޮތުން ވެސް އާރުއެސްއެފް އިން ކުށްވެރިކުރި އެވެ.

ބިލު އަނބުރާ ގެންދިއުމާ އެކު ނޫސްވެރިންނާއި ޖަމިއްޔާތަކާ އެކު މަޝްވަރާކޮށްގެން ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ބިލެއް ހެދުމަށާއި އަމިއްލައަށް ރެގިއުލޭޓް ކުރުމުގެ ނިޒާމެއް ކަށަވަރުކުރުމަށް އެ ޖަމިއްޔާ އިން ގޮވާލި އެވެ.

"އާރުއެސްއެފް އިން ގޮވާލަނީ މި ބިލު ވަގުތުން އަނބުރާ ގެންދިއުމަށް. ނޫސްވެރިންނާއި ޕްރޮފެޝަނަލް ޖަމިއްޔާތަކާ އެކު މަޝްވަރާކޮށް ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް މިނިވަންކަމާއި އަމިއްލައަށް ރެގިއުލޭޓް ކުރުމުގެ ނިޒާމެއް ކަށަވަރު ކުރުމަށް މަޖިލީހަށް ގޮވާލަން."

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެ ބިލު އަނބުރާ ގެންދަން ގޮވާލިއިރު އެ ބިލު މަޖިލީހުން ބޭރުކުރަން އެމްޖޭއޭ އާއި އިތުރު 20 ޖަމިއްޔާއަކުން ގޮވާލާފައިވެ އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލުގެ ދަށުން ނޫސްވެރިން، 25،000ރ. އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ނޫސްތައް 100،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް މި ބިލުގައިވެ އެވެ. މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ބިލު ތަސްދީގުކުރުމުގެ ކުރުމުގެ އެއް އަހަރު ކުރީގެ ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވެ އެވެ.

އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެންބަރުން ތިބުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް ކަމަށެެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮތުން ހިމެނެ އެވެ.

ބިލުގައި ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގެން ނެތުމަކީ ވެސް ނޫސްވެރިންގެ ކަންބޮޑުވުމެކެވެ.