31 އޯގަސްޓް 2025 - 09:12

ރާއްޖޭން ކަނޑައަޅާފައިވާ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ދެއްވައިފި އެވެ.

ޗަައިނާގައި ބާއްވާ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޝީ އާ މިއަދު ބައްދަލުކުރައްވައި، ދެ ލީޑަރުންގެ މެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ރައީސުންގެ މެދުގައި މަޝްވަރާކުރި މުހިންމު ދާއިރާތަކުގެ ތެރޭގައި އިގުތިސާދު، ވިޔަފާރި، އިންވެސްޓުމަންޓު އަދި ސަލާމަތާއި ރައްކާތެރިކަން ހިމެނޭކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދެ ގައުމުގެ މެދުގައި އޮތް ނަތީޖާ ނެރޭ، ހަރުދަނާ ގުޅުން އިތުރަށް ފުޅާކުރުމާ އެކު، ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ޝީ ދެއްވި އެވެ.
އަދި ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024–2028) ގެ ދަށުން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ދެ ރައީސުން ވެސް އިއްތިފާގުވެވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.
މިދިޔަ ހުކުރު ދުވަހު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ޝީގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.
ޗަައިނާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދާއި މާދަމާ ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.