26 މާޗް 2017 - 06:15

ބޮލީވުޑް ބަތަލާ އަކްޝަރާ ހަސަން އަކީ ހިންދީ ފިލްމީ ދުނިޔޭގައި އެއް ދުވަސްވަރެއްގައި ފިޔަޖެހި ސާރިކާ އާއި ކަމަލް ހަސަންގެ ދެ ދަރިންގެ ތެރެއިން އެއް ދަރި އެވެ. އަކްޝަރާގެ ފުރަތަމަ ފިލްމު މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

އަކްޝަރާ ބުނާ ގޮތުގައި އޭނާ އެންމެ ބަލާހިތްވަނީ މަންމަ އާއި ބައްޕަ ކުޅެފައިވާ ލޯބީގެ ފިލްމެއް ކަމަށްވާ "ރާޖް ތިލަކް" އެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ މަންމަގެ "ޕަރްޒާނިޔާ" އާއި ބައްޕަގެ "ނަޔާކަން" އަދި "ޗާޗީ 420" ވެސް އޭނާއަށް ވަރަށް ރީއްޗެވެ. ނަމަވެސް އެންމެ ރީތީ ދެ މީހުން އެކުގައި ކުޅެފައިވާ ފިލްމުތަކެވެ.
އަކްޝަރާ އަށް "ރާޖް ތިލަކް" އެހާ ކަމުދަނީ އޭނާގެ މަންމަ އާއި ބައްޕަގެ ލޯބިގެ ގުޅުން ފެށުނީ އެ ފިލްމު ކުޅުނު ދުވަސްވަރު ކަމަށް ވާތީ އެވެ.
"އެ ފިލްމުގައި ފެންނަނީ މަންމަ އާއި ބައްޕަގެ ހަގީގީ ލޯބީގައި ކުލަޖެހިގެން އައިގޮތް. އެ ފިލްމު ބަލާފައި އަހަރެން ވަރަށް އުފާވޭ،" އަކްޝަރާ ބުންޏެވެ.
"ޝަމީތާބު" އިން ފިލްމީ މައިދާނަށް ނުކުތް އަކްޝަރާ ބުނި ގޮތުގައި އޭނާ މިހާތަނަށް ފިލްމު އިންޑަސްޓްރީގައި ކޮށްފައިވާ މަސައްކަތާ މެދު މަންމަ އާއި ބައްޕަ އުފާވެ އެވެ. މަންމަ އާއި ބައްޕަގެ ހަރުދަނާކަން އޭނާ ވެސް ދިރިއުޅުމުގައި ގެންގުޅެން ބޭނުންކަމަށާއި އެމީހުން ދިރިއުޅުމުގައި އެކި ހާލަތާ ކުރިމަތިލާ ގޮތަށް އޭނާ ވެސް ކަންތައްތައް ކުރަން ބޭނުންވާ ކަމަށް އަކްޝަރާ ބުންޏެވެ.
އަކްޝަރާ މިހާރު އިންތިޒާރުކުރަނީ އޭނާގެ ދެ ވަނަ ފިލްމު "ލާލީ ކީ ޝާދީ މޭން ލައްޑޫ ދީވާނާ" ރިލީޒްކުރާނެ އިރަކަށެވެ. ރޮމެންޓިކް-ކޮމެޑީ މި ފިލްމު އަންނަ މަހު 7 ގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަކްޝަރާ އާއި ޝްރޫތީ ހަސަން ލިބުނު ފަހުން ސާރިކާ އާއި ކަމަލް ހަސަން ވަނީ ވަރިވެފަ އެވެ. އަދި މިހާރު ކަމާލް ހަސަން ގުޅިގެން އުޅެނީ ގޯތަމީ ކިޔާ ދެކުނު އިންޑިއާގެ ފިލްމީ ތަރިއަކާ އެވެ.