30 އޯގަސްޓް 2025 - 23:43

ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 116 ފުލުހަކު ފުރިހަމަކޮށް މިރޭ ދަސްވެނިވެއްޖެ އެވެ.

ދ. ވާނީގައި ހުންނަ ފުލުހުންގެ މަރުކަޒުގައި މިރޭ ވަނީ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އަދި ފުލުހުންގެ އެހެން ބައެއް އިސްވެރިންނެވެ.
ފުލުހުން ބުނީ 40 ވަނަ އަސާސީ ތަމްރީން ކޯހުގައި 138 ފުލުހަކު ބައިވެރިވި އިރު، އޭގެ ތެރެއިން ކޯސް ފުރިހަމަކުރީ 116 ފުލުހަކު ކަމަށެވެ. ހަތަރު މަސްދުވަހަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ކޯސް ފެށީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މި ދަސްވެނިންގެ ކިބައިގައި ފުލުހެއްގެ ހުންނަން ޖެހޭ ގާބިލުކަން މިހާރު ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް މިރޭ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.
މި ފަހަރުގެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ށ. ފީވަކު، ކަންމަތީގެ، މުހައްމަދު އަރުޝަދެވެ. އޭނާއަށް ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑު ދީފަ އެވެ.