30 އޯގަސްޓް 2025 - 20:19

އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ޔަމަނަށް ދިން ހަމަލާތަކުގައި ހޫތީންގެ ބޮޑުވަޒީރު އަހްމަދު ޣާލިބް ނާސިރު އައް ރަހައުވީ އާއި އިސް އެހެން ބައެއް އޮފިޝަލުން އަވަހާރަވެފައިވާކަން އެ ޖަމާއަތުން މިއަދު ކަށަވަރުކޮށްދީފި އެވެ.
މިއީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދެމުން ދާއިރު ޔަމަނަށް ދޭތެ ދޭތެރެއިން ދޭ ހަމަލާތަކުގައި މިހާތަނަށް އަވަހާރަވި އެންމެ އިސް އޮފިޝަލެވެ.
"ދުޝްމިން މުޖުރިމު އިޒްރޭލުން ދިން ހަމަލާއެއްގައި މުޖާހިދު އަހްމަދު ޣާލިބް ނާސިރު އައް ރަހައުވީ ... އެ މަނިކުފާނުގެ ބައެއް މިނިސްޓަރުންނާ އެކު އަވަހާރަކޮށްލާފައިވާކަން އިއުލާނުކުރަން،" ހޫތީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެހެން ބައެއް ބޭފުޅުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާތީ ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ވަރަށް ސީރިއަސް ޒަހަމްތައް ވެފައިވާ ބޭފުޅުން ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލުން ބުރާސްފަތި ދުވަހު ވަނީ ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާ ސަރަހައްދަށް އެތައް ހަމަލާއެއް ދީފަ އެވެ. ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ހޫތީން އިޒްރޭލަށް ދޭ ހަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ އިޒްރޭލުން މި ހަމަލާތައް ދިނީ ހޫތީންގެ އަސްކަރީ މަގާމުތަކަށް ކަމަށް އިޒްރޭލުން އޭރު ބުންޏެވެ.
ޔަމަނުގައި 2014 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި ޔަމަނުގެ މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދާފައިވަނީ ހޫތީންނެވެ.