30 އޯގަސްޓް 2025 - 18:31

ފަލަސްތީނުގެ ޣައްޒާގެ މައި ސިޓީ ކަމަށްވާ ޣައްޒާ ސިޓީ އަކީ ހަނގުރާމައިގެ ނުރައްކާތެރި މައިދާނެއް ކަމަށް އިޒްރޭލުން ކަނޑައަޅައި، ރައްކާތެރިކަން ބޭނުންވާ މީހުން އެތަނުން ނުކުންނަން އިޒްރޭލުން ނުސީދާކޮށް އިންޒާރު ދޭން ފަށައިފި އެވެ.
ޣައްޒާއަށް ހަަމަލާދޭތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމުގެ ޕްލޭންގައި ޣައްޒާ ސިޓީއަށް މިހާރު ވަނީ ވަރުގަދަ ހަމަލާތައް ދޭން ފަށައިފަ އެވެ. އދ. އާއި އިޒްރޭލުގެ އާންމުންނާއި އެކި ގައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން އިތުރު އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތައްވާނެ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ހަމަލާތައް ވަރުގަދަކޮށް ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމަށް ތައްޔާރުވަމުންނެވެ. އިޒްރޭލު އަސްކަރިއްޔާގެ އަރަބި ބަހުގެ ތަރުޖަމާނު ވަނީ "ފަސްކުރުމެއް ނެތް" ކަމަށް ބުނެ އޮޕަރޭޝަން ކުރިއަށްދާނެކަން ހާމަކޮށްފަ އެވެ.
"ޣައްޒާ ސިޓީގެ ހަމަލާތަކުގެ ފުރަތަމަ މަރުހަލާތައް މިހާރު ވަނީ ފަށާފައި. މިހާރު އެ ސިޓީގެ ވަށައިގެން ވަރަށް ވަރުގަދަ އޮޕަރޭޝަންތައް ދަނީ ހިންގަމުން،" އެކްސްގައި އަވިޗޭ އަދުރައި ބުނެފައިވެ އެވެ.
ހުކުރު ދުވަހު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ ސިޓީ އަކީ މިހާރު ހަނގުރާމަވެރި ނުރައްކާ މައިދާނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި އެހެންވެ މީގެ ކުރިން ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ހިސާބުގައި ކޮންމެ ދުވަހަކު ބައެއް ވަގުތުތަކުގައި ހަމަލާތައް މެދުކަނޑާލި ގޮތަށް އެކަން ކުރިއަށް ނުދާނެ ކަމަށެވެ.
ޣައްޒާއިން މީހުން ނެރެން އިޒްރޭލުން އަދި ސީދާ ނުބުނި ކަމުގައި ވިޔަސް ތަރުޖަމާނު ބުނީ އެކަން ވެސް ހަމަ ކޮންމެ ވަގުތެއްގައި ވެސް ފެށިދާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ އިޒްރޭލު އަސްކަރިއްޔާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު ވީޑިއޯ މެސެޖެއްގައި ބުނީ ޣައްޒާ ސިޓީ ސަރަހައްދުގައި ހަމަލާތައް އިތުރުކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އަދި އިތުރަށް ވަރުގަދަވާނެ ކަމަށް ބުނެފަ އެވެ.
ޣައްޒާ ސިޓީ އާއި އެ ސިޓީގެ ކައިރި ސަރަހައްދުތައް ހިމެނޭ ޣައްޒާގެ ގަވަރުނަރޭޓްގައި މިހާރު ވެސް ގާތްގަނޑަކަށް އެއް މިލިއަން މީހުން ދިރިއުޅޭ ކަމަށް އދ. އިން އަންދާޒާކުރެ އެވެ.