30 އޯގަސްޓް 2025 - 16:28

އިންޖީނިއަރުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން އިންޖީނިއަރުންގެ ގައުމީ އެވޯޑް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރާ އިންޖީނިއަރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓް 30 ހަމަޖެއްސީ މިއަދަކީ ރާއްޖޭގައި ހިންގު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލޭ ބްރިޖު ހުޅުވި ދުވަހަށްވާތީ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖީނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ސިނަމާލޭ ބްރިޖަށް ހަތް އަހަރު ފުރޭއިރު އެ ބްރިޖުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމާއި އިގްތިސާދާއި އިޖުތިމާއީ ހުރިހާ ހިދުމަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި 2040 ވަނަ އަހަރަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި ޑިޖިޓަލް ރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށާއި އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖީނިއަރުންގެ އިލްމާއި ތަޖުރިބާ އާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެ އެވެ.
ރައީސް ވިދާޅުވީ އިންޖީނިއަރުންގެ އަގު ވަޒަންކުރުމަށް ދެވޭ ގައުމީ އެވޯޑުގެ އިތުރުން އިންޖީނިއަރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދީ، އެކި ދާއިރާތަކުން އިންޖީނިއަރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ކާބަފައިންނަކީ މާޒީގައި ވެސް ފަންނުވެރި، ހުނަރުވެރި ބައެއް ކަމަށާއި އޭރުއްސުރެ މިއަދާ ހަމައަށް ވެސް ރާއްޖޭގެ ތަރައްގީ ނެގެހެއްޓުމަށް ދިވެހި އިންޖީނިއަރުން އަދާކުރެއްވި ގައުމީ ވާޖިބަށް ތައުރީފް ހައްގެވެ.