30 އޯގަސްޓް 2025 - 10:06

ރާއްޖެއަށް ޓޫރިޒަމް ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އުމުރުން 78 އަހަރުގައި އެމްޔޫ މަނިކު އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނެވެ.
ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، އެމްޔޫ މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައަކާ އެކު ކަމަށެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްގީވެ ކުރިއަރައި ދިއުމުގައި އެމްޔޫ މަނިކު ކުރައްވާފައިވަނީ ތައުރީފް ހައްގު މަސައްކަތްޕުޅެކެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ހާއްސަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު އަދާކުރެއްވި ބުރަ މަސައްކަތްޕުޅާއި ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް އެމްޔޫ މަނިކު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2011 ވަނަ އަހަރު އޭނާ އަށް ދިވެހި ދައުލަތުގެ އިއްޒަތް އަރުވައިފަ އެވެ. އޭގެ ކުރިން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ސަރުކާރުން ދިނެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން ހިދުމަތުގެ އިނާމާއި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.
އޭނާ އަކީ، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ސިނާއަތުގެ ހިދުމަތްތެރިއެކެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖެ އަށް ޓޫރިސްޓުން ގެނައި އިޓަލީގެ ޓުއާ އޭޖެންޓް ޖޯޖް ކޯބިންއާ އެކު، 1971 ގައި މާލެ ކައިރީ ރަށްތައް ބައްލަވައި، ޓޫރިސްޓުން ޑައިވް ކުރާނެ ދިމަދިމާ ފާހަގަކުރެއްވުމުގައި ޗަމްޕާ ހުސެއިން އަފީފާއި މަސްއޮޑި އަހުމަދު ނަސީމާ އެކު ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
ކޯބިން 1972 ގައި ރާއްޖެ ގެނައި ފުރަތަމަ ޓޫރިސްޓް ގްރޫޕް މާލޭގައި ތިބުމުގެ އިންތިޒާމު ހަމަޖެއްސެވުމުގައި ވެސް އެމްޔޫ މަނިކު އުޅުއްވި އެވެ. އޭގެ ފަހުން ރާއްޖޭގެ ފުރަތަމަ ރިސޯޓް ކުރުނބާ ވިލެޖް އެ އަހަރު ތަރައްގީ ކުރެއްވުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. އެ ރިސޯޓް ހުޅުވުމުން އެ ތަނުގެ ފުޑް އެންޑް ބެވަރޭޖް ކަންކަން މެނޭޖު ކުރެއްވީ ވެސް އެމްޔޫ މަނިކެވެ. އެ މަސައްކަތުގައި، މާލޭގެ ބާޒާރުގައި ހިންގަވައިގެން ކާއެއްޗެހި ގަތުމާއި ބަދިގެއަށް ވަދެ ކެއްކުމަކީ ވެސް އޭނާ ކުރެއްވި މަސައްކަތްތަކެކެވެ.