26 މާޗް 2017 - 06:20

ޑޮކްޓަރަކަށް އޭނާއާ އެކު ކޮލެޖުގައި ތިން އަހަރު، އެއް ކޮޓަރިއެއްގައި އުޅުނު އެހެން ޑޮކްޓަރަކާ ދުވަސްތަކެއް ފަހުން ބައްދަލުވުމާ އެކު ވީ އުފަލުން ބައްދާލި ގޮތުން އެކުވެރިޔާގެ މޭގެ ތިން ކަށިގަނޑުގައި ރެނދުލައިފި އެވެ.
އިންޑިއާގެ ފޯޓްސް ސެން ޖޯޖް ހޮސްޕިޓަލުގެ ސުޕްރިންޓެންޑެންޓް ޑރ. މަދުރްކަރް ގައިކްވަޑަށް އޭނާގެ ޒަމާންވީ އެކުވެރިޔާ ޑރ. އަމިތުބަޑްވޭއާ މިދިޔަ ހޮނިހިރު ދުވަހު ބައްދަލުވީ ހަމަ ކުއްލިއަކަށެވެ. ޑރ. ގައިކްވަޑް މަސައްކަތްކުރާ ހޮސްޕިޓަލަށް އެ ދުވަހު ޑރ. އަމިތު ދިޔައީ ކުރިން އަންގާވެސް ނުލަ އެވެ.
އުމުރުން 35 އަހަރުގެ މި ދެ މީހުންނަކީ އޮރަންގްއާބާދުގައި ހުންނަ ގަވަންމަންޓް މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލްގައި ކިޔަވަން އުޅުނު ދެ ޑޮކްޓަރުންނެވެ. އޭރު ވެސް ޑރ. އަމިތަކީ ބޮޑީބިލްޑިން އަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. މި ދެ މީހުން 1990 ވަނަ އަހަރު އެމްބީބީއެސް ނިންމުމަށް ފަހު މިވީ 17 ވަރަކަށް އަހަރު ތެރޭގައި ބައްދަލެއް ނުވެ އެވެ.
"ޑރ. އަމިތު އައިއިރު އަހަރެން އިނީ ކެބިންގައި. އޭނާ ފެނުމުން އަހަންނަށް ވެސް ލިބުނީ ހައިރާންކަމެއް. އޭނާ ވަރަށް ބާރަށް އައިގޮތަށް އައިސް އަހަރެންގެ ގައިގައި ބައްދައިގަތީ. އަދި އަހަންނަށް މި ވަނި ކީއް ކަމެއް ވިސްނާ ވެސް ނުލެވި އުޅެނިކޮށް މޭ މަތިން އަޑެއް ކިޔާފައި ބަދަތައް ބިންދައިގެން ދިޔައީ،" ޑރ. ގައިކްވަޑް ބުންޏެވެ.
އޭނާއަކީ ފުރިހަމަ ސިއްހަތެއްގައި ހުރި، ކަށިތައް ވެސް ވަރުގަދަ މީހެކެވެ. ނަމަވެސް އެ ދުވަހު އެހާ ފަސޭހައިން ކަށިތައް ބިނދުނު ގޮތެއް ޑޮކްޓަރަކަށް ވެސް ނޭނގެ އެވެ.
"އަހަންނަށް ހަމަ ހަގީގަތުގައި ވެސް ކަށިތައް މުގުރިގެން ދިޔަ އަޑު އިވުނު،" ޑރ. ގައިކްވަޑް ހެމުން ހެމުން ބުންޏެވެ.
އަމިތު ބައްދާލުމާ އެކު ކަހަލަ ގޮތަކަށް ގައިކްވަޑް ބިންމައްޗަށް ދެމުނެވެ. އެކަން ދިމާވީ ހޮސްޕިޓަލުގައި ކަމަށް ވުމުން ވަގުތުން އެކްސްރޭ ނެގި އެވެ. އަދި ތިން ގަނޑު ކަށި ބިނދިފައިވާކަން ޔަގީންވި އެވެ.
ގައިކްވަޑް ބުނި ގޮތުގައި އޭނާ ހުރީ އަމިތު ގޮސް އޭނާގެ ގައިގައި އެގޮތަށް ބައްދައިގަނެފާނެ ކަމަށް ތައްޔާރަކަށް ނޫނެވެ. އެހެންވެ އަމިތު ކެބިން އަށް ވަދެގެން އަންނަތަން ފެނުމުން ގޮނޑިން ތެދުވަން ވެގެން ވަކިވަރަށް ތެދުވެވުނުތަނާ އަމިތު ބައްދައިގަތުމުން ހުރިހާ ޕްރެޝަރެއް އޭނާގެ މޭ މައްޗަށް އަންނަގޮތް ވީ އެވެ. މިއީ ހަމަ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ހިނގި ހާދިސާއެއް ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.
މިއީ ހަގީގަތުގައި ވެސް ގަބޫލުކުރަން ވެސް ދަތި ވާހަކަ އެކެވެ. އިއްތިފާގުން އަމިތަކީ ކަށީގެ ޚާއްސަ ޑޮކްޓަރެކެވެ. ކަށީގެ އޮޕަރޭޝަންތައް ކުރާ ޑޮކްޓަރުންނަކީ ހަށިގަނޑު ވަރުގަދަކޮށް ތިބެން ޖެހޭ ބައެކެވެ. ސަބަބަކީ މިފަދަ އޮޕަރޭޝަންތަކުގައި އިސްކުރުޖެހުމާއި ކަށިތައް މީހުން ފަދަ ކަންތައް ކުރަން ޖެހެ އެވެ. އަމިތަކީ ވެސް ވަރަށް ބިޔަކޮށް ހުންނަ މީހެކެވެ.
މި ހާދިސާ އަށް ފަހު އަމިތު އޭނާގެ ކްލިނިކްގައި މަސައްކަތް ކުރަން ފެށި ނަމަވެސް އެކުވެރިޔާއަށް ދިމާވި ކަންތަކުން އޭނާ ވަނީ ވަރަށް ދެރަވެފަ އެވެ. އަދި ކޮންމެ ދުވަހަކު އެކުވެރިޔާ އަށް ގުޅައިގެން ހާލު ބަލަ އެވެ.