ކުޑަކުދިންނާ ބެހުނު އެޕްސްޓީންއާ ރާއްޖޭގެ ކުރީގެ ރައީސަކު ބައްދަލުކުރަން ހަމަޖެއްސިކަން ހާމަވާ އީމެއިލްއެއް
ކުޑަކުދިންނާ ބެހުނު އެޕްސްޓީންއާ ރާއްޖޭގެ ކުރީގެ ރައީސަކު ބައްދަލުކުރަން ހަމަޖެއްސިކަން ހާމަވާ އީމެއިލްއެއް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައީސެއްގެ ބައްދަލުވުމެއް ހަމަޖެއްސި ކަމަށް، ލީކުވި އީމެއިލްތަކަކުން ހާމަވެއްޖެ އެވެ.

ބައެއް ނަންތައް އުނިކުރުމަށް ފަހު ލީކުކޮށްލާފައިވާ އެ އެ މެއިލްތަކުގެ ތެރެއިން، އިޒްރޭލުގެ ކުރީގެ ރައީސް އިހޫދު ބަރާކަށް އެޕްސްޓީން ފޮނުވި މެއިލްތަކެއްގައި، ރާއްޖޭގެ "ކުރީގެ ރައީސް" އެއްގެ ބައްދަލުވުމެއް ވެސް އޮންނާނެ ކަމަށް ބުނެފައި އޮތެވެ. އެކަމަކު އެ މެއިލްގައި އެއީ ކޮން ރައީސެއް ކަމެއް އެނގޭކަށް ނެތެވެ. އަދި އެ ބައްދަލުވުން ބޭއްވިކަމެއް ވެސް ނޭނގެ އެވެ.

އެ މެއިލްގެ ތާރީހަކަށް އޮތީ އޭޕްރީލް 28، 2014 އެވެ.

ހެކަރުންގެ ބަޔަކު އީމެއިލްތައް ލީކުކޮށްލާފައިވަނީ އެޕްސްޓީން ޖިންސީ ޖަރީމާތައް ހިންގި، ނިއު ޔޯކްގައި ހުންނަ އޭނާގެ ގެޔަށާއި އެކި ތަންތަނަށް ގޮސް އުޅުނު ކަމަށް ބުނާ މީހުންގެ ނަންތައް ހާމަވާ ލިސްޓުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

މެއިލްގައި އޮތް ތާރީހަށް ބަލާ ނަމަ އޭރު ތިއްބަވާނީ ރާއްޖޭގައި ރައީސްކަން ކުރެއްވި ތިން ބޭފުޅެކެވެ. އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދެވެ.

ލީކުވި މެއިލްގެ ތާރީހަށް ބަލާއިރު މައުމޫން އެ ދުވަސްވަރު ހުންނެވީ ސްރީ ލަންކާގައި ކަމާއި ނަޝީދު ހުންނެވީ ރާއްޖޭކަން އެނގޭ ސޯޝަލް މީޑިއާ ޕޯސްޓްތަކަކާ އެކު މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ނަޝީދު މިއަދު ވަނީ ރިޕޯސްޓްކުރައްވައިފަ އެވެ.

އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަން 2005 ވަނަ އަހަރު ހައްޔަރުކުރި އެވެ. އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.

އޭގެ ފަހުން ވަނީ، އެޕްސްޓީންގެ ޖަރީމާތަކަށް އެހީވި ކަމުގެ ކުށުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލައިން މެކްސްވެލް ހައްޔަރުކޮށް އަދި ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލައިފަ އެވެ.