ލަންކާގެ "މޯސްޓް ވޯންޓެޑް" މީހާ އިންޑޮނީޝިއާއިން ހައްޔަރުކޮށްފި
ލަންކާގެ "މޯސްޓް ވޯންޓެޑް" މީހާ އިންޑޮނީޝިއާއިން ހައްޔަރުކޮށްފި

ބޮޑެތި އެކި ޖަރީމާތަކުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ލަންކާއިން އެންމެ ބޮޑަށް ބޭނުންވެގެން ހޯދަމުން ދިޔަ މީހާ އިންޑޮނީޝިއާގައި ހައްޔަރުކޮށްފި އެވެ.

ލަންކާގެ "މޯސްޓް ވޯންޓެޑް" މީހާ އިންޑޮނީޝިއާއިން ހައްޔަރުކޮށްފި
ލަންކާގެ "މޯސްޓް ވޯންޓެޑް" މީހާ އިންޑޮނީޝިއާއިން ހައްޔަރުކޮށްފި

ސްރީ ލަންކާގެ އޮފިޝަލުން ވިދާޅުވީ ކޯޓެއްގެ ތެރޭގައި މީހަކަށް ބަޑިން ހަމަލާދީ މަރާލި މައްސަލަ އާއި އިތުރު އެތައް ބައެއްގެ މަރާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުވާ މަންދިނު ޕަދްމަސިރި ޕެރޭރާ (ކެލެހެލްބަދާރާ ޕަދްމީ) އާ އެކު އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ސްރީ ލަންކާއަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

"މިއީ ކުށުގެ ތުހުމަތުވާ ލަންކާ މީހުންގެ ގައުމުން ބޭރުން އެންމެ ގިނައިން ހައްޔަރުކުރި ފަހަރު،" ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ ސެކްރެޓަރީ ރަވީ ސެނެވިރަތުނޭ ވިދާޅުވި އެވެ.

ފުލުހުންގެ އިންސްޕެކްޓަ ޖެނެރަލް ޕްރިޔަންތާ ވީރަސޫރިޔާ ވިދާޅުވީ އިންޑޮނީޝިއާގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި އަންހެނަކު ކަމަށެވެ. މި އޮޕަރޭޝަނުގައި އިންޑިއާގެ އިންޓެލިޖެންސުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެންމެންނަކީ ހައްޔަރުކުރަން ބޭނުންވާ އެ މީހުންނާ ގުޅޭ ގޮތުން އިންޓަޕޮލް ރެޑް ނޯޓިސް އޮތް މީހުންނެވެ.

މިކަމާ ބެހޭ ގޮތުން އިންޑީނީޝިއާގެ ކަމާބެހޭ ފަރާތްތަކުން އަދި ވާހަކައެއް ނުދައްކަ އެވެ.

ލަންކާ ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ގޭންގުތަކުގެ މެދުގައި ވަނީ ބަޑިޖެހުމުގެ 80 ހާދިސާއެއް ހިނގައިފަ އެވެ. މި ހަމަލާތަކުގައި 42 މީހަކު ވަނީ މަރުވެފަ އެވެ.

ވީރަސޫރިޔާ ވިދާޅުވީ ގޭންގުތަކުގެ އިސް މީހުން ގައުމު ދޫކޮށް ފިލައިގެން އުޅެނީ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ސަރުކާރު މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކޮރަޕްޝަނާއި އޯގަނައިޒްޑް ކްރައިމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވެ ވަޑައިގެން ވައުދާ ގުޅިގެން ކަމަށެވެ.

"މިފަދަ މުޖުރިމުންނަށް ކުރިން ލިބުނު ސިޔާސީ ހިމާޔަތެއް މިހާރު ނޯންނާނެ،" ވީރަސޫރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަންކާގެ ގޭންގު ލީޑަރުން ގައުމުން ބޭރުގައި ތިބެގެން ގޭންގު ހަރަކާތްތައް ލަންކާގައި މިހާރު ހިންގަނީ އެހެންވެ ކަމަށެވެ. -- އޭއެފްޕީ