29 އޯގަސްޓް 2025 - 08:35

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް ގައުމު ވެސް ލައްކައެއް ހުރަސްކޮށްފައިވާ ކަމަށް ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް، މި ލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ ޖަރުމަނެވެ.
މިގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު 6.9 ޕަސެންޓުގެ ކުރިއެރުމަކާއެކު، ޖުމްލަ 101،081 ޖަރުމަނު ޓޫރިސްޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
އޭގެކުރިން، ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި އިޓަލީން ވަނީ އެއް ލައްކަ ޓޫރިސްޓުން ހަމަކޮށްފަ އެވެ.
އެ ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން މިހާތަނަށް 231،337 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.
ތަފާސްހިސާބުތަައް ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1،468،740 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، 9.3 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް، ފާއިތުވި ތިން މަހާ އަޅާބަލާއިރު، މި މަހުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ. މިގޮތުން، މި މަހުގެ މިހާތަނަށް އެވަރެޖުކޮށް ދުވާލަކު 6،440 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައުމުގެ ރެކޯޑު މުގުރާލަން ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.
މިގޮތުން، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ޓޫރިސްޓުން ހަމަކުރަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިސްވެ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.