28 އޯގަސްޓް 2025 - 17:44

ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވި މައްސަލަ ބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބައެއް ސީނިއާ ނޫސްވެރިންނާ އެކު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ރިޔާސީ ގަނޑުވަރު މުލިއާގެއަށް ވަޑައިގަތުމަށް ރައީސް ނުކުމެވަޑައިގަތުމާ އެކު، ހެނދުނުން ފެށިގެން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިން ވަނީ އެމަނިކުފާނު ވަށާލައި އެތައް ސުވާލެއް ކުރިމަތިކޮށްފަ އެވެ.
ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އުލުބައިންދަންވީ ކަމަށް ވިދާޅުވެ ފަލާހު އިއްޔެގެ ޖަލްސާގައި ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެގޮތަށް ނުބުނެވޭނެ ކަމަށެވެ.
"އެހެން ނުބުނެވޭނެ،" ރައީސް ވިދާޅުވި އެވެ.
އެ މައްސަލާގައި ފަލާހުއަށް ފިޔަވަޅު އަޅާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ރައީސް ވަނީ އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.
ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ފަލާހު ވިދާޅުވި މައްސަލަ ބަލައިދޭން އެމްޖޭއޭ އިން މިއަދު ވަނީ ޕޮލިހުގައި އެދިފަ އެވެ.
މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތުމަށްފަހު މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި، މީޑީއާ ކޮންޓްރޯލްކުރާ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިންމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.
މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" މީހެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާއަށް އޭގެ އަސަރުކުރި ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފަލާހް އެ އިޝާރާތް ކުރެއްވި ވާހަކައަކީ ރަސްމީ މީޑިއާއެއްގައި ޝާއިއުކުރި މައުލޫމާތެއް ނޫނެވެ.