28 އޯގަސްޓް 2025 - 16:23

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގޮވާލެއްވި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ފުލުހަށް ހުށަހަޅައިފި އެވެ.
އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.
އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފަ އެވެ.
މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި އިއްޔެ ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.
މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" މީހެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށެވެ.
އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.
ފަލާހް އެގޮތަށް ވިދާޅުވި ނަމަވެސް އެ ވާހަކަތަކަކީ އޭރު ސޯޝަލް މީޑިއާގައި ބަޔަކު ދެއްކި ވާހަކަތަކެކެވެ.
ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ނޫސްވެރިން މެރުމަށް ގޮވުމުން ފަލާހަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.