28 އޯގަސްޓް 2025 - 15:26

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، "މީޑިއާ ކޮންޓްރޯލް" ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

މަޖިލީހުން ކުރި އިއުލާނުގައި ބުނީ ކޮމިޓީން ދިރާސާކުރަމުން އަންނަ "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާ ގުޅިގެން އެެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 12 އާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ މުއްދަތުގައި އެކަމާ ގުޅިގެން ހުރި ކޮމެންޓްތައް ކޮމިޓީގެ އީމެއިލް އެޑްރެސް އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެ އިދާރާ އިން އެދިފައިވެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން އިއްޔެ ބަލައިގަތީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާއެއްގަ އެވެ. ބިލު ބަލައިގަތީ ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ނޫސްވެރިން ގޮވާލަމުން ދަނިކޮށެވެ.
އިއްޔެ ބިލު ފާސްކުރުމަށް ފަހު އެ ބިލާ ގުޅޭ ކޮމިޓީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ކޮމިޓީން ނިންމާފައި ވަނީ ބިލު ދިރާސާކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމާށެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގެ ދޮށުގައި ވެސް އިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ. އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރަމުންގެންދާތީ ނޫސްވެރިން މިހާރު ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ ބިލާ ގުޅިގެން ނޫސްވެރިން ޕްރެޝަރުކުރަމުން ދަނިކޮށް ރައީސް މިއަދު ވަނީ ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިން ބުނެފައިވާ ގޮތުގައި ރައީސް ވަނީ މީޑިއާތައް ކޮންޓްރޯލްކުރުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ނޫން ކަމަށާއި މަޖިލީހުގެ ކޮމިޓީ ތެރެއިން ބިލަށް ބަދަލުތައް ގެނައުމަށް އިރުޝާދު ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އެކަމަކު ބިލުގައި ގިނަ އިސްލާހުތަކެއް ގެންނަން ހުރުމުން އެ ބިލު އަނބުރާ ގެންދިއުމަށް އެމްޖޭއޭ އިން ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެކަމާ ވިސްނަވާނެ ކަމަށާއި އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ.
އެ މައްސަލާގައި މިއަދު 3:30 ގައި ބަންޑާރަ ނައިބްގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް އޮންނާނެ އެވެ.
- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.
- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.
- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.
- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.
- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.
- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.