27 އޯގަސްޓް 2025 - 19:31

ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށެއްގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުންނެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކަނޑައަޅައިފި އެވެ.
އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވީ ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިކުރުމާ ގުޅޭ ގޮތުންނެވެ.
އެނގިފައިވާ ގޮތުގައި މަޝްވަރާ އަށް ފަހު، ޖޭއެސްސީން ނިންމީ ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުން ނިކުމެވަޑައިގަތުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު އެ ގޮތަށް އުޅުއްވާއިރު ފަނޑިޔާރުންގެ ސުލޫކީ ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ.