27 އޯގަސްޓް 2025 - 11:33

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މާދަމާއިން ފެށިގެން އަންނަ މަހު 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ އެކަމަށްޓަކާ ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި އާންމުކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރުގެ ފައިސާ އެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ.