27 އޯގަސްޓް 2025 - 11:33

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެފްޑީސީން ބުނީ ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ އެއް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ މީހުންނާ އެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އަމާޒަކީ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި، އެ ތަންތަން ހަވާލުކުރަން ފެށުން ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އެ ކޯޕަރޭޝަނުން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އެފްޑީސީން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ފަހު ފޮނުވާ ލިސްޓަކަށް ބަލައިގެންނެވެ. އެ މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެފްޑީސީ އަށް ފޮނުވަނީ ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިންނެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައި ތަރުތީބަކުން ނޫނެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑްކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ވަރަށް ބޮޑެވެ. އެއީ ވެސް ސޮއިކުރަން ތާވަލްކުރަން ލަސްވާ ސަބަބެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް އެފްޑީސީން ރަޖިސްޓްރީކޮށްދެ އެވެ.