ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން އެތައް ދަރަޖައެއް ފަހަތަށް ދާނެ: ނާޒިލް
ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން އެތައް ދަރަޖައެއް ފަހަތަށް ދާނެ: ނާޒިލް

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު މަޖިލީހަށް ހުށަހެޅި ބިލް އޮތީ މީީޑިއާގެ މިނިވަންކަމުގެ ދަރަޖަ އެތައް ގުނައަކަށް ފަހަތަށް ދާ ގޮތަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން އެތައް ދަރަޖައެއް ފަހަތަށް ދާނެ: ނާޒިލް
ބިލުގެ ސަބަބުން މީޑިއާގެ މިނިވަންކަން އެތައް ދަރަޖައެއް ފަހަތަށް ދާނެ: ނާޒިލް

މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނާޒިލް ވިދާޅުވީ ސަރުކާރަށް މި ހިސާބަށް އާދެވުނީ މީޑިއާގެ މިނިވަންކަމުގެ ސަބަބުން ކަމަށެވެ.

އެހެންވެ، މީޑިއާގެ މިނިވަންކަމުގެ ދަރަޖައިން ރާއްޖެ ފަހަތަށްދާ ގޮތަށް އޮތް ބިލަކަށް ސަރުކާރުން ތާއީދުކޮށް ގޯސް ހަދަންވީ ކީއްވެތޯ ނާޒިލް ސުވާލު އުފެއްދެވި އެވެ.

"އޭގެ ކުރިން ޕީއެންސީގެ މެމްބަރަކު ވިދާޅުވެއްޖެ ދެ ދަރަޖަ ކުރިއަށް ޖެހުނު ވާހަކަ. އަޅުގަނޑު ދަންނަވާލާނީ މި ބިލުގެ ސަބަބުން 30 ގުނަ ފަހަރަށް ދާނެއޭ. ކީއްވެތޯ އެވަރު ޒިންމާއެއް ތި ބޭފުޅުން ތި ނަގަނީ. އެވަރު ގޯހެއް ތި ހަދަނީ،" ނާޒިލް ވިދާޅުވި އެވެ.

އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށް ބިލުގައި ހިމެނޭއިރު އެ ކޮމިޝަނަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

އެކަމާ ގުޅިގެން ނާޒިލް ވިދާޅުވީ އެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަންކުރަނީ ރައީސް ކަމަށާއި އަދި ހަތަރު މެމްބަރުން އައްޔަންކުރަން ފުރުސަތު ދިނީ މީޑިއާތަކަށް ކަމަށެވެ. އެކަމަކު އޭގެ ސަބަބުން ކޮންޓްރޯލް އޮންނާނީ ސަރުކާރަށް ކަމަށް ވިދާޅުވެ ނާޒިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އޭރުން ކިހިނެއްތޯ ވާނީ. މި ހަތް މެމްބަރުންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ކުޑަ އޮފީހެއްގައި ކުޑަ ގޮޅިއެއްގައި ތިބޭ ހަތް މެމްބަރުންނަށް ވެފައި އޮންނާނީ،" ނާޒިލް ވިދާޅުވި އެވެ.

އެ ބިލުގެ ބަހުސްގައި، އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ މި ބިލަކީ ކޮމިޝަނެއް އުފައްދަން ހަދާފައި އޮތް ބިލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ މީީޑިއާ ނެތިކޮށްލާ ގޮތަށް އޮތް ބިލެއް ކަމަށެެވެ.

ރައީސް ވެރިކަން ހިންގަވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވާތީ، ޒިޔާދު ވަނީ އެ ފޮތުގައި ބަޔާންކުރާ ގޮތުގައި މީޑިއާއަކީ ގައުމެއްގެ ހަތަރު ވަނަ ބާރު ކަމަށެވެ.

ޒިޔާދު ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއްގައި ނަމަ ކޮންޓްރޯލް ނަގަމުން އަންނާނީ ތަރުތީބަކުން ކަމަށާއި އެއީ މަޖިލީހާއި ޝަރުއީ ނިޒާމަށް ފަހު މީޑިއާގެ މިނިވަންކަން ނެގުން ކަމަށެވެ. އަދި އެ ބިލުގައި މިނިވަން ނޫސްވެރިކަން ބަންދުކުރަން ކުރާނެ ހުރިހާ ކަމެއް ހިމަނާފައިވާކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ އެ ބިލަށް އިސްލާހެއް ހުށަހަޅައިގެން އިސްލާހެއް ގެނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެ ކޮމިޝަނަށް ރައީސަކު ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލްގައި އޮތްއޮތުން ބަދަލުކުރެއްވުމަށް ޕީއެންސީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަނެފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާތީ، އޭގެ ރައްދުގައި ޒިޔާދު ވިދާޅުވި އެގޮތަށް ނިންމެވި ނަމަވެސް ކޮމިޝަނަށް ތިން މެމްބަރުން އައްޔަންކުރަން މަޖިލީހަށް ފޮނުވުމުގެ ކަނޑައެޅުމުގެ ބާރު އަދިވެސް ރައީސަށް އެބައޮތް ކަމަށެވެ.

ޒިޔާދު ވިދާޅުވީ މިނިވަން ނޫސްވެރިކަން ނުހުއްޓޭނެ ކަމަށާއި ވައްކަން ކުރުމުން އެ ވާހަކަ ދައްކާނެ ކަމަށެވެ. އަދި ސިނގިރޭޓް ގުޅިގެން ގާނޫނަށް ގެނައި އިސްލާހުތަކާ އެއްގޮތަށް ރާއްޖޭގެ ބާޒާރުގައި ވަގު ސިނގިރޭޓު އިތުރުވި ގޮތަށް މި ބިލުގެ ނަތީޖާއަކަށް ވާނީ ވަގު އެކައުންޓްތައް ސޯޝަލް މީޑިއާގައި އިތުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ ވެރިކަން ހިންގާ ބާރުގެ ތެރެއަށް ކޮންމެ ދުވަހަކު ބާރެއް ޖަމާކުރަމުން ގޮސް ރައްޔިތުންގެ އަނގަމަތީގައި މަލަން އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އޭނާ ވެސް ވަނީ މި ބިލު އަނބުރާ ގެންދަން ގޮވާލައްވައިފަ އެވެ.

އެ ބިލްގެ ބަހުސް ހިނގަމުންދިޔަ ވަގުތު ނޫސްވެރިންނާއި އެޑިޓަރުން ވަނީ އެ ބިލާ ދެކޮޅަށް އެކި ލިޔުންތައް ހިފައިގެން ތިބެ މަޖިލިސް ބޭރުގައި އަޑު އުފުލައިފަ އެވެ.

އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ބޭރުގެ ބައެއް ޖަމްއިއްޔާތަކުން ވެސް ހާމަކޮށްފައި ވާއިރު، އެ ބިލާ ދެކޮޅަށް ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޕެޓިޝަންގައި ބުނެފައިވަނީ އެ ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.