27 އޯގަސްޓް 2025 - 11:06

ރަށްރަށުގެ ތަރައްގީއަށް ވައުދުތައް ވަނީ އެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބިއަށް މިިއަދު ވަޑައިގެން، ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އިންތިހާބުގެ ފަހުން ވެސް ވައުދުތައް ވެވަޑައިގެންފައިވާނެ ކަމަށެވެ.
ވައުދު ވަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އޮތުމުންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެންމެ އިސްކަން ދެއްވަނީ ވެސް އެކަމަށް ކަމަށެވެ.
"އަޅުގަނޑުވާނީ ރިޔާސީ އިންތިހާބުގައި އަދި ފަހުން ވެސް ވާނީ މިރަށުގެ ތަރައްގީއަށްޓަކައި ބައެއް ކަންތައްތަކުގެ ވައުދުތަކެއް ވެފައި. އަޅުގަނޑު ވައުދުތައްވީ ހަމަ ހަގީގަތުގަ ވެސް އެ މަސައްކަތްތައް ފުރިހަމަކޮށްދިނުމުގެ އަޒުމުގައި އަދި ނިޔަތުގައި. އަދި އެގޮތަށް މަސައްކަތް ކުރެވޭނެކަން ޔަގީންވާތީ،" ކުރިނބީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރަށަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި އެ ވައުދުތައް ފުއްދެވުމުގައި ކުރިއަށް ގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން މިހާރު ކުރިއަށް ގެންދާ ބަނދަރުގެ މަސައްކަތާއެކު ރައްޔިތުން ބޭނުންވި އިތުރު ކަންކަން ހިމަނައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބޭރު ތޮށީގެ ޖާގަ ބޭނުން ކުރެވޭ ގޮތަށް ހެދުމާއި މޫދަށް އެރޭ ތަނަކާއި އޮޑި އެހެލާނެ ސަރަހައްދެއް ހެދުމާއި ބަނދަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބަނދަރު ހަދަމުންދާއިރު އެ މަސައްކަތްތައް ކުރުމުން ހަރަދު ކުޑަވެ، މަސައްކަތް ވެސް އަވަސްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރައީސް ވަނީ އެ ރަށުގައި މިހާރު ބޭނުން ކުރަމުންދާ ސިއްހީ މަރުކަޒުގައި އަލަށް އެޅުމަށް މިއަދު ހަވާލުކުރި އިމާރާތާއެކު ހުރިހާ ވަސީލަތެއް ފުރިހަމަވުމުން އެތަން 24 ގަޑިއިރު ހިދުމަތް ދޭ ތަނެއްގެ ގޮތުގައި ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.