ހީރޯއަކީ ރޮނާލްޑޯ، ޑްރީމް ޓީމަކީ ބާސެލޯނާ: ޖަސްޓިން ކްލައިވެޓް
ހީރޯއަކީ ރޮނާލްޑޯ، ޑްރީމް ޓީމަކީ ބާސެލޯނާ: ޖަސްޓިން ކްލައިވެޓް

އެމްސްޓްރެޑަމް، ނެދަލެންޑްސް (މާޗް 25) – ސަޕޯޓްކުރަނީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށާއި އެކަމަކު ކުޅެން ބޭނުންވަނީ ބާސެލޯނާ އަށް ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވެޓުގެ ދަރިފުޅު ޖަސްޓިން ކްލައިވެޓް ބުނެފި އެވެ.

ނެދަލެންޑްސްގެ އަޔަކަސްގެ ސީނިއާ ޓީމާ މި ސީޒަނުގައި ގުޅުނު އުމުރުން 17 އަހަރުގެ ފޯވާޑާ މެދު ބޮޑު އުއްމީދެއް ކުރެވެ އެވެ. ނެދަލެންޑްސް ލީގުގައި ދާދި ފަހުން ފުރަތަމަ ލަނޑު ޖަހާފައިވާ ޖަސްޓިން ވަނީ ނެދަލެންޑްސްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ.

އަޔަކްސް އާއި އޭސީ މިލާނާއި ބާސެލޯނާ އަދި ނިއުކާސަލް ޔުނައިޓެޑަށް ކުޅެ އަދި ނެދަލެންޑްސް ގައުމީ ޓީމަށް ވެސް 79 މެޗުން 40 ގޯލް ޖަހައިދީފައިވާ ކްލައިވެޓް ފަދަ ތަރިއަކަށް ޖަސްޓިން ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"އަހަރެންގެ ހީރޯއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ. ހަމައެކަނި އޭނާގެ ހުނަރަކަށް ނޫން. އޭނާ ދިރިއުޅޭ ގޮތާއި ކެއުން ބަހައްޓާ ގޮތާއި އޭނާ ކުރާ ބުރަ މަސައްކަތް ފެނިފައި އަހަރެން އޭނާ އަށް ތާއީދުކުރނަީ. އޭނާ އަކީ އަހަރެން މިސާލަކަށް ބަލާ ކުޅުންތެރިޔެއް،" ޖަސްޓިން ބުންޏެވެ. "އެކަމަކު އަހަރެންގެ ޑްރީމް ޓީމަކީ ބާސެލޯނާ."

ޖަސްޓިން ބުނީ ހަތް އަހަރުގެ ތެރޭގައި ބާސެލޯނާ އަށް ކުޅެން ބޭނުންވާ ކަމަށާއި އޭގެ ކުރިން ޕްރިމިއާ ލީގު ވެސް ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ޕްރިމިއާ ލީގު ވަރަށް ކަމުދާ ކަމަށާއި އެ ލީގުގައި ކުޅެން ޝައުގުވެރިވާ ކަމަށެވެ.

ނެދަލެންޑްސް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންކޮށްފައިވާ ކްލައިވެޓް މިވަގުތު މަސައްކަތްކުރަނީ އަންނަނީ ފްރާންސުގެ ޕީއެސްޖީގެ ޑިރެކްޓަރަކަށެވެ. ބައްޕަގެ ކްލަބާ ގުޅިދާނެތޯ އެހުމުން ޖަސްޓިން ބުނީ އެ ފުރުސަތެއް ނެތް ކަމަށެވެ.

"އަހަރެމެން އެކަމާ ވާހަކައެއް ނުދައްކަން. ސަމާސާކުރަން އެހެން ކިޔާފައި ބައެއް ފަހަރު،" ޖަސްޓިން ބުންޏެވެ.