26 އޯގަސްޓް 2025 - 21:13

އުތުރުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނުމުގެ ބޭނުމުގައި އެ ސަރަހައްދުގެ މައި ބަނދަރު، ހދ. ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނަކާ އެކު މުޅިން އާ ހިދުމަތްތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

އެ ހިދުމަތްތައް ތައާރަފުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ޕޯޓު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެމްޕީއެލް އިން ބުނީ އެއީ މި އަހަރުގެ މެއި 19 ވަނަ ދުވަހު އެ ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތައާރަފް ކުރި ހިދުމަތްތަކެއް ކަމަށެވެ.
އެމްޕީއެލް އިން ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް އަދި އަސާސީ މުދަލާއި ޑިއުޓީ ނުދައްކާ މުދާ ރައްކާ ކުރުމަށް ހާއްސަ ބޮންޑެޑް ސަރަހައްދަކާއި އުތުރުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކަށް ހާއްސަ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ހިމެނެ އެވެ.
މީގެ އިތުރުން އަތޮޅު ތެރޭގައި މުދާ ޑިސްޓްރިބިއުޓް ކުރުމަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން "ޑޮމެސްޓިކް ވިޔަފާރިވެރިން" މުދާ ބޭލުމަށް ހާއްސަ ތަނެއް ކުޅުދުއްފުށީ ޕޯޓުގައި ގާއިމްކޮށް މިއަދު ހިދުމަތް ފެށި އެވެ. އަދި އިމާރާތް ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ބާވަތްތައް ކުޅުދުއްފުށި ޕޯޓަށް ގެންގޮސް ބަލްކްކޮށް، ރައްކާ ކުރާނެ ހާއްސަ ސަރަަހައްދެއް ވެސް މިއަދު ހުޅުވި އެވެ.
"މި ހިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ކުރަންޖެހޭ ހޭދަ ދަށްކުރެވި، ބާޒާރުގެ އަގުތައް ހަމައަކަށް އެޅުމަށް މަގުފަހިވެ، އަދި އުތުރުގެ އަތޮޅުތަކުގެ އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ،" އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
"އަދި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ތަރައްގީ ކުރުމަށާއި އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރަށް ވާސިލް ވުމަށް މަގުފަހިވެގެންދާނެ އެވެ،"
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް، އިތުރަށް ތަރައްގީ ކުރުމެވެ.
ކުޅުދުއްފުށީ ޕޯޓުގައި އާ ހިދުމަތްތައް ތައާރަފު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން އެވެ.
އެ އެއްބަސްވުމުގެ ދަށުން ތިލަދުންމަތީގެ އެހެން އަތޮޅުތަކުގެ މީހުންނަށް ވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އޭގެ ތެރޭގައި ޑިއުޓީ ދެއްކުމަކާ ނުލައި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އަދި އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ އެވެ. އެމްޕީއެލުން ބުނީ އެ ޒޯންގައި ވަރަށް ކުޑަ އަގެއްގައި މުދާ ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.
ކުޅުދުއްފުށީ ޕޯޓު ބޮޑުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މެއި މަހު އެވެ. އޭގެ ތެރޭގައި ހއ. ހދ. ށ. އަދި ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީ ކުރުން ވެސް ހިމެނެ އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރެއަށް ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ނިޒާމުތައް ހަރުދަނާކޮށް، މުދާ އުފުލުމުގައި ކުރަންޖެހޭ ހޭދަ ކުޑަކޮށް، އެކަމުގެ މަންފާ މުޅި އިގުތިސާދަށް ކުރާނެ މަގު ފަހިކޮށްދިނުމެވެ.