26 އޯގަސްޓް 2025 - 16:57

ނުރައްކާތެރި މިންވަރަކަށް މާއްދާއެއް އެކުލެވޭ އެމެރިކާގެ އުފެއްދުމެއް ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ"ގައި ބެންޒޮއިކް އެސިޑް ކިޔާ މާއްދާއެއް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރުމުގެ ސަބަބުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކަން އަދި ނައްތާލުމަށް އަންގާފައިވާ ކަމަށެވެ.
އެ އުފެއްދުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭއަށް ގުޅުމަށް އެ ބަޔާނުގައި ވަނީ އިރުޝާދު ދީފަ އެވެ.