26 އޯގަސްޓް 2025 - 13:09

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް 2025 އަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް މިނިވަންކަމާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ. ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްގެ ޕާޓްނާޝިޕް ދިރާގާއެކު މިއަހަރަށް އާ ކުރީ ހުކުރު ދުވަހު ރަސްފަންނުގައި ބޭއްވި "ޕޮޕް އަޕް ވިތް އަ ޕާޕޮސް" އިވެންޓުގައެވެ. އެ އިވެންޓުގައި ބޭކަރީ ސްޓޯލްތަކާއި އާޓްސް އެންޑް ކްރާފްޓްސް ކޯނަރަކާއި އަދި ކުޅިވަރު ސަރަހައްދުތައް ހުއްޓެވެ. އެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް އެ ކުދިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.
ދިރާގުން ދަނީ 2018 ވަނަ އަހަރު ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓް އުފެދުނީއްސުރެ އެ ޔުނިޓުން ހިންގަމުންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކެއާ ސޮސައިޓީއިން ބުނީ މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓްތަކުން ދައްކާ ގޮތުގައި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް މެދުވެރިކޮށް 22 ކުދިންގެ ޕްރޮގްރެސް ރޭޓް އިތުރުވެފައިވާ ކަމަށެވެ. އަދި ކުދިންގެ އަމިއްލަ މިނިވަންކަމާއި މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.
މި އަހަރުގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްގައި 27 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެގޮތުން މުވާސަލާތު ކުރުމާއި އަދި މައްސަލަ ހައްލުކުރުން ފަދަ ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތަކަށް އިސްކަން ދޭއިރު ކެއްކުމާއި އާޓްސް އެންޑް ކްރާފްޓްސް އަދި ކޮމްޕިއުޓަރ ލިޓަރަސީ ފަދަ ދާއިރާތަކުން އަމަލީ ތަމްރީނުތައް ވެސް ފޯރުކޮށްދެ އެވެ.
ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އަމާޒެކެވެ. މިފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެމުންނެވެ.