26 އޯގަސްޓް 2025 - 13:21

ގދ. ތިނަދޫން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން ކުލީގެ ގޮތުގައި ނުލިބި ހުރި 29 މިލިއަން ރުފިޔާ ހޯދަން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބެންޖެހޭ 29.8 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އަދި ނުލި ނުދައްކާ ބިންތަކުގެ ތަފްސީލް ހިމެނޭ ލިސްޓެއް ކައުންސިލުން ވަނީ އެ އިއުލާނާއެކު އާންމުކޮށްފަ އެވެ.
ބިމު ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އެ ލިސްޓުގައިވާ ގޮތުން އެއީ 42 ބިމަކުން ކައުންސިލަށް ނުލިބި ހުރި ކުލީގެ ފައިސާ އެވެ.
އޭގެ ތެރެއިން ހަ ބިމެއްގެ ކުލި ނުލިބިގެން މިހާރު ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
ސިޓީ ކައުންސިލުން ވަނީ ބިމު ކުލި މަހުން މަހަށް ދައްކަން އިލްތިމާސްކޮށްފަ އެވެ.
ނުދައްކާ ހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ފަށާނެ ކަމުގެ އިންޒާރު ވެސް ސިޓީ ކައުންސިލްގެ އިއުލާނުގައި ދީފައިވެ އެވެ.