އަނީތު ސައްޔާރާގެ ލަވަ ކިޔުމުން ސަމާލުކަން ލިބިއްޖެ
އަނީތު ސައްޔާރާގެ ލަވަ ކިޔުމުން ސަމާލުކަން ލިބިއްޖެ

ބޮލީވުޑްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ"ގެ ލީޑް އެކްޓްރެސް އަނީތު ޕައްޑާ އެ ފިލްމުގެ ލަވަ ކިޔާ ވީޑިއޯއަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

އަނީތު އޭނާގެ އިންސްޓަގްރާމްގައި މިދިޔަ އާދިއްތަ ދުވަހު ހިއްސާކުރި އެ ވީޑިއޯގައި ފެންނަނީ އޭނާ ގިޓާ ގުޅެމުން ސައްޔާރާގެ ޓައިޓަލް ލަވަ ކިޔާ ތަނެވެ. އަދި އޭނާ ލަވަކިޔަމުން ދިޔައިރު، ކައިރީގައި އޭނާގެ ބައްޕަ އަޑުއަހަން ހުއްޓެވެ.

އެ ވީޑިއޯއަށް 1.7 މިލިއަން ލައިކްސް ލިބިފައިވާއިރު، 17.5 މިލިއަނަށް ވުރެ ގިނަ ވިއުސް މިހާތަނަށް ލިބިފައިވެ އެވެ.

"ސައްޔާރާ"އަކީ އަނީތު ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. ކުރިން ބައެއް ވެބް ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އަނީތު އެ ފިލްމުގައި ދެއްކި އެކްޓިންނަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

އަނީތުއާ އެކު އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ބޮލީވުޑަށް އަލަށް ތައާރަފުވި އަހާން ޕާންޑޭ އެވެ.

މިދިޔަ މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަށް ވަނީ ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް 560 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑްގެ ލޯބީގެ ފުރަތަމަ ފިލްމެވެ.

"ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ކުރީގެ ފިލްމަކަށް ވެސް މިވަރުގެ ކާމިޔާބީއެއް ލިބިފައި ނުވެ އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ވައިއާރުއެފުން ގެނެސްދިން "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

އަންނަ މަހު ދޭކުން ފެށިގެން މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.