26 އޯގަސްޓް 2025 - 10:05

އެސްޓީއޯގެ ހަރަދުގައި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ދިން މުވައްޒަފަކު އެ ކޯސް ފުރިހަމަ ނުކޮށް، އަދި ބޮންޑުގެ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ވަކިވެފައިވާތީ، ބަދަލުގެ ގޮތުގައި ހަތް ލައްކައެއްހާ ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެސްޓީއޯ އިން ސިވިލް ކޯޓުގައި ދައުވާކުރީ އެ ކުންފުނީގެ ސްޕޮންސަޝިޕްގައި 2010 ވަނަ އަހަރު ބެޗްލާސް އޮފް ސައިންސް އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކޯހުގައި ބައިވެރިކުރި މުވައްޒަފަކު އެ ކޯސް ފުރިހަމަ ނުކޮށް، ބޮންޑުގެ މުއްދަތުގައި ވަޒީފާއިން ވަކިވެފައިވާތީ އެވެ.
އެ ކުންފުނިން ދައުވާގައި ބުނެފައިވާ ގޮތުގައި އެއީ އެ މުވައްޒަފާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެކެވެ. އެހެންވެ، އެ ކޯހަށް އެސްޓީއޯއިން ކުރި ހަރަދު މުވައްޒަފުގެ އަތުން ނަގައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ.
މި ދައުވާއަށް މުވައްޒަފުގެ ފަރާތުން ކޯޓަށް ޖަވާބުދާރީއެއް ނުވެ އެވެ. އެހެންވެ، ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނީ ކޯހަށް އެސްޓީއޯގެ ފަރާތުން ހަރަދުކުރި ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުދައްކާ އޮތް 770،311ރ. އަކީ މުވައްޒަފުގެ ފަރާތުން އެސްޓީއޯއަށް ދައްކަން ޖެހޭނެ ފައިސާ ކަމަށެވެ.
އެ ފައިސާ 14 ދުވަސް ތެރޭ ދައްކައި ހަލާސްކުރަން މުވައްޒަފުގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.