25 އޯގަސްޓް 2025 - 20:54

މަޝްހޫރު ދިވެހި ވިޔަފާރިވެރިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެއް ހިއްސާދާރު ކެރަފާ އަބްދުލްޣަނީ މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 86 އަހަރުގައި ޣަނީ އަވަހާރަވީ ތައިލެންޑުގެ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހަރާވިއިރު އާލާސްކަންފުޅާ އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅު ޣަނީއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި ކްރައުން ކޮމްޕެނީ އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ.
ޣަނީއަކީ ނަޝީދުގެ ބައްޕާފުޅާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމައާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ
ޣަނީ އަވަހަރާވުމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ރާއްޖޭގައި އިލެކްޓްރިފިކޭޝަނާއި ޓޫރިޒަމާއި ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގައި ނުހަނު ބޮޑު ހިދުމަތްތެރިއެއް ކަމަށެވެ.
ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ހިންގި ދުވަސްވަރު ކިޔަވައި ދެއްވުމުގައި ވެސް ޣަނީ އިސްކޮށް އުޅުއްވި އެވެ.