އޮންލައިން ޖުވާ މަނާކުރުމުން އިންޑިއާގެ ކްރިކެޓް ޓީމުގެ 43.6 މިލިއަން ޑޮލަރުގެ ސްޕޮންސަޝިޕް ދޫކޮށްލައިފި
އޮންލައިން ޖުވާ މަނާކުރުމުން އިންޑިއާގެ ކްރިކެޓް ޓީމުގެ 43.6 މިލިއަން ޑޮލަރުގެ ސްޕޮންސަޝިޕް ދޫކޮށްލައިފި

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މެއިން ސްޕޮންސަރުގެ ގޮތުގައި އޮތް ފެންޓަސީ ސްޕޯޓްސް ގޭމިން ޕްލެޓްފޯމް "ޑްރީމް11" އެ ގައުމުގައި އޮންލައިން ޖުވާ މަނާވުމާ އެކު 43.6 މިލިއަން ޑޮލަރުގެ ޑީލް ނިމުމަކަށް ގެނެސްފި ކަމަށް މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ އެންމެ ބޮޑު އޮންލައިން ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑްރީމް11 އިން ގައުމީ ކްރިކެޓް ޓީމުގެ މެއިން ސްޕޮންސަރުގެ ގޮތުގައި ތިން އަހަރު ދުވަހުގެ ޑީލެއްގެ ދަށުން ސޮއިކުރީ ޖުލައި 2023 ގަ އެވެ. ޑްރީމް11 ގެ ލޯގޯ ކްރިކެޓް ޓީމުގެ ޖާޒީގައި ވެސް ޖަހާފައިވެ އެވެ.

މީގެ އިތުރުން އެއީ އިންޑިއަން ޕްރިމިއަ ލީގުގެ ވެސް އެކި ކަންކަން ސްޕޮންސަކޮށްފައިވާ ކުންފުންޏެކެވެ.

އޮންލައިން ގޭމިން ޕްރޮމޯޓްކޮށް ރެގިއުލޭޓް ކުރުމުގެ ބިލު މިދިޔަ ހަފުތާގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާއިރު، އެފަދަ ގޭމްތައް ޕްރޮމޯޓްކުރުމާއި ފައިނޭންސްކުރުން އެ ގާނޫނުގެ ދަށުން މަނާވެ އެވެ. އަދި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ޑްރީމް11ގެ ވަފުދެއް އިންޑިއާގެ ކްރިކެޓް ބޯޑު (ބީސީސީއައި) ގެ އޮފީހަށް ގޮސް އެ ބޯޑުގެ ސީއީއޯ ހެމަންގް އަމީނާ ބައްދަލުކޮށް، ސްޕޮންސަ އެއްބަސްވުން ކުރިއަށް ގެންދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން އެ ކުންފުނި އޭޝިއާ ކަޕްގެ ޓީމު ސްޕޮންސަރަކަށް ނުވާނެ. ބީސީސީއައި އާ ސްޕޮންސަރެއް ހޯދަން ވަރަށް އަވަހަށް އިއުލާނުކުރާނެ،" ބީސީސީއައިގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

ޓީ-20 އޭޝިއާ ކަޕް، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ފަށާނެ އެވެ.

ޑްރީމް11 އަކީ ކެރީބިއަން ޕްރިމިއާ ލީގުގެ އޮފިޝަލް ޕާޓްނަރުގެ އިތުރުން އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގު ވެސް ސްޕޮންސަރެކެވެ.

އާ ގާނޫނުގައި ބުނާ ގޮތުން އިންޑިއާގެ އަމިއްލަ އަދި އެންމެ މަގުބޫލު ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް ކާޑު ގޭމްތަކާއި ޕޯކާ އަދި ފެންޓަސީ ކުޅިވަރުތަކުގެ ޕްލެޓްފޯމްތައް ވެސް ހުއްޓާލަން ޖެހޭނެ އެވެ.

މިއީ އަވަހަށް މުއްސަނދިކޮށްދޭކަމަށް ދައްކައި އޮޅުވާލައިގެން ޖުވާގެ ތެރެއަށް ވެއްދުމުން އެކަމަށް ދެވިހިފައި އާންމުންނަށް ލިބެމުންދާ މާލީ ބޮޑެތި ގެއްލުމާއި އިޖުތިމާއީ މައްސަލަތައް ކުޑަކުރުމުގެ މަގްސަދުގައި ހަދަން ޖެހުނު ގާނޫނެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.