25 އޯގަސްޓް 2025 - 18:25

ހދ. ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމައި، އެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ހދ. އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސިއްހީ ދާއިރާގެ މަސައްކަތަކީ އެ ރަށުގައި ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ.
އެގޮތުން، ދެހާސް މީހުން ދިރިއުޅޭ އެ ރަށުގައި އަޅަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއު ނިންމުމާ ހަމައަށް މިހާރު ހުރި މަރުކަޒަށް ގެނެވެން ހުރި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެތެރެހަށީގެ ޑޮކްޓަރެއް ގެނެސް އަދި އެކްސްރޭ މެޝިނާއި ދަތުގެ ފަރުވާއަށް ބޭނުންވާ ކަންކަމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
ނޮޅިވަރަމްގައި ހޮސްޕިޓަލް އަޅަން ނިންމާފައި ވާއިރު ހދ. އަތޮޅުން ހަނިމާދު އާއި ށ. މިިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅަން ނިންމައި، އެ މަސައްކަތް އެކި ކުންފުނިތަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.