ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕެއްގައި 144 ދަޅު ބަނގުރާ
ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕެއްގައި 144 ދަޅު ބަނގުރާ

ފުލުހުން މިއަދު ހުޅުމާލޭގައި ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕަކުން 144 ދަޅު ބަނގުރާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ބަނގުރާ ކޭސްތަކަކާ މީހަކު ހައްޔަރުކުރީ ހުޅުމާލެ 1 އިން ކަމަށެވެ.

ހައްޔަރުކުރި މީހާއަކީ، ހުޅުމާލެ 1 ގެ ފުލުހުން މިއަދު ހެނދުނު ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ވަގުތު ބާރު ސްޕީޑުގައި ދުއްވައިގެން ހުއްޓުވި ޕިކަޕެއްގެ ޑްރައިވަރު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ އިންޑިއާ މީހެއް ކަމަށްވާ ފަސަލު ރަހްމާން މަޓުމަލް އެވެ.

ފުލުހުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ޕިކަޕު މަޑުކުރަން ފުލުހުން އަތުން އިޝާރާތްކޮށް، އަދި ބަރުގޮނު އަޅައިގެން އެންގުމުން ވެސް އޭނާ މަޑުނުކޮށް ދިޔަ ކަމަށެވެ.

އެ ޕިކަޕު ދުއްވީ ބާރު ސްޕީޑުގައި، ޒިގްޒެކްކޮށް އެކި މަގުތަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ، ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި، ޕިކަޕު ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ޕިކަޕު ބަލައި ފާސްކުރި އިރު، 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެހެންވެ، އެ ޕިކަޕުގެ ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް ފުލުހުން ވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.