25 އޯގަސްޓް 2025 - 12:09

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާއެއް މި ހަފުތާ ތެރޭގައި ބާއްވަން ޕީއެންސީގެ ފަރާތުން ހުށަހަޅަން ނިންމައިފި އެވެ.
މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު މި މަހު ކުރީކޮޅު ނިންމާލާފައިވާއިރު މިހާރު މަޖިލިސް އޮތީ ޗުއްޓީގަ އެވެ. އެނގިފައިވާ ގޮތުގައި، ޗުއްޓީގެ މި ހަފުތާގެ ތެރޭގައި ދެ ޖަލްސާއެއް ބާއްވަން ޕީއެންސީގެ ޕީޖީގެ ފަރާތުން އެދެން ވަނީ ނިންމައިފަ އެވެ.
މަޖިލިސް މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވަން މިއަދުގެ ވަގުތުގައި މަޖިލީހުގައި އެދެން ވަނީ ނިންމައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލްސާގެ އެޖެންޑާގައި އޮތީ އެޗްއާރްސީއެމް އާއި މީރާގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުމާއި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެންނަ ބިލްގެ މަސައްކަތް ކުރުމެވެ.
ނަމަވެސް، މިހާތަނަށް ރަސްމީ އެޖެންޑާ މެންބަރުންނަށް ލިބިފައެއް ނުވެ އެވެ.
އިދިކޮޅު ބައެއް މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ އަދި ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ބަހުސް ވެސް ކުރިއަށް ގެންދާނެ އެވެ.
މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި އެ ބިލްގެ ބަހުސް ފަށައި، މެދުކަނޑާލީ ބައެއް މެންބަރުން އިތުރަށް ދިރާސާކުރަން ބޭނުންވާ ކަމަށް ބުނެ އެވެ. އެ ބިލާ މެދު ނޫސްވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ބިލް އަނބުރާ ގެންދަން ގޮވާލައިފަ އެވެ.