25 މާޗް 2017 - 12:06

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕަށް ކޮންގްރެސްގައި ފުރަތަމަ އެކަމަކު އެންމެ ބޮޑު ނާކާމިޔާބީއާ އިއްޔެ ކުރިމަތިވެވަޑައިގެންފި އެވެ.
އަމިއްލަ ޕާޓީން ކޮންޓްރޯލްކުރާ ކޮންގްރެސްގައި ޓްރަމްޕްގެ ސަރުކާރަށް ނާކާމިޔާބުވީ، އިންތިހާބު ތެރޭގައި އޭނާ ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދުއާ އެއްގޮތަށް، އެމެރިކާގެ ސިއްހީ ގާނޫނު، މަޝްހޫރު ނަމުން ނަމަ، "އޮބާމާކެއާ"، ބަދަލުކޮށް، އާ ގާނޫނެއް ފާސްކުރެވޭ ގޮތް ނުވުމުންނެވެ.
ރިޕަބްލިކަން ޕާޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވި ނަމަ އާ ގާނޫނު ކަމަށްވާ އެމެރިކަން ހެލްތު ކެއާ އެކްޓް ފާސްވީހެވެ. އެކަމަކު އެވަރަށް އަމިއްލަ ޕާޓީގެ މެމްބަރުންގެ ވޯޓު ވެސް ނުލިބޭނެކަން ޔަގީންވުމުން ޓްރަމްޕް ވަނީ ވޯޓަކަށް ވަޑައިނުގެން، އެކަން ހުއްޓާލައްވަން އަންގަވާފަ އެވެ. އެގޮތަށް ނިންމެވީ ކޮންގްރެސްގެ ރައީސް ޕޯލް ރަޔާން ވެސް އެއްބަސްވެގެންނެވެ.
ކުރިން އޮތީ، ކޮންމެ ނަތީޖާއެއް ނުކުތަސް، އިއްޔެ ކޮންގްރެސްގައި ވޯޓު ނަގާ ގޮތަށެވެ. އެކަމަކު ބޭނުންވާ 215 ވޯޓު ނުލިބޭނެކަން ޔަގީންވުމުން ރަޔާން އާއި ޓްރަމްޕް އެއްބަސްވުމަކަށް ވަޑައިގެން ވޯޓަކާ ހަމައަށް ނުގޮސް، ނާކާމިޔާބީއާ ކުރިމަތިލެއްވީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަމިއްލަ ޕާޓީގެ 28 އާއި 38 މެމްބަރުންނާ ދެމެދުގެ އަދަދެއް އެ ބިލާ ދެކޮޅެވެ.
ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގެ އެންމެ މުހިންމު ކާމިޔާބަކީ ހެލްތު އިންޝުއަރެންސް ނެގެން ނެތް އެތައް މިލިއަން ބަޔަކަށް ސަރުކާރުގެ އެހީގައި ބޭސްފަރުވާ ހޯދޭނެ ގޮތް ހަމަޖައްސައިދިން ގާނޫނެވެ. އެ ގާނޫނު އެމެރިކާގައި މަޝްހޫރުވެފައި ވަނީ އޮބާމާކެއާގެ ނަމުންނެވެ. އެ ގާނޫނާ ގުޅިގެން އެމެރިކާގައި ކުރިން ސިއްހީ ކަވަރޭޖް ނުލިބޭ 20 މިލިއަން މީހުންނަށް ހެލްތު އިންޝުއަރެންސް ލިބިފައިވެ އެވެ.
އެކަމަކު އިންޝުއަރެންސް ކުންފުނިތަކުގެ ނުފޫޒު ގަދަ، އަދި ހެލްތު އިންޝުއަރެންސް ނެތި ބޭސްފަރުވާގެ ޚިދުމަތް ހޯދަން އުނދަގޫ އެމެރިކާގައި، ސަރުކާރުން އޭގެ ތެރެއަށް ވަންނަން ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން އަބަދުވެސް ދެކޮޅު ހަދަ އެވެ. އެހެންކަމުން ކޮންގްރެސްގެ އަގުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ލިބުނީއްސުރެ އެ ގާނޫނު ބާތިލްކުރަން ނުވަތަ ބަދަލުކުރުމުގެ ވާހަކަތައް އައީ ދެކެވެމުންނެވެ.
މިހާ ހިސާބާ ޖެހެންދެން އޭގެ އަމަލީ މަސައްކަތް ނުފެށި އޮތީ އެހާ ގިނަ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދައިގަނެވޭ ފުރުސަތެއް ބަންދުކުރަން ހުރި ދަތިތައް ބޮޑުކަމުންނެވެ. އެކަމަކު ޓްރަމްޕާއި އޭނާގެ ޕާޓީގެ މެމްބަރުން ވަރަށް އަވަސްކޮށްލައިގެން، އެމެރިކަން ހެލްތު ކެއާ އެކްޓްގެ ނަމުގައި އާ ބިލެއް ވެއްދި އެވެ.
ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ދެކޭ ގޮތުގައި ބިލް މިހާރު އޮތީ ސިއްހީ ޚިދުމަތުން އެތައް ބަޔަކު މަހުރޫމްކޮށްލެވޭހާ ހަރުކަށިކޮށެވެ. ވޯޓު ދޭން ދެކޮޅުހެދި އަނެއް ބައި މެމްބަރުން ބުނަނީ އެ މީހުން ބޭނުންވާ ވަރަށް ގާނޫނަށް އަދިވެސް ބަދަލު ގެނެސްފައި ނުވާ ކަމަށެވެ. އެހެންކަމުން މި ޚިޔާލު ތަފާތުވުމުގައި، 215 ވޯޓު ލިބިދާނެކަން ކަށަވަރުނުވީ އެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެމްބަރުން ވެސް އެ ބިލާ ދެކޮޅެވެ. އެހެންކަމުން ވޯޓަކާ ހަމައަށް ނުގޮސް ހުއްޓާލުމުން، އެ ޕާޓީގެ މެމްބަރުން ބުނަމުން އަންނަނީ އެއީ "މުޅި އެމެރިކާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް" ކަމަށެވެ.
ރޭ ޓްރަމްޕް ވިދާޅުވި ގޮތުގައި އާ ބިލަށް ވޯޓު ނުދޭ ނަމަ، އޮބާމާކެއާ ކުރިއަށް ގެންދިއުން ނޫން ގޮތެއް މި ވަގުތަކު ނޯންނާނެ އެވެ. އަދި ބިލަށް ތާއީދުނުކުރީތީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނަށް އޭނާ ފާޑު ވެސް ކިއުއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ދެން ފޯކަސްކުރަންވީ ޓެކްސް ނިޒާމަށް ގެންނަ އިސްލާހުތަކަށް ކަމަށެވެ.
"މި ވަގުތު އޮބާމާކެއާ އޭގެ ގޮތުގައި ކުރިއަށް ގެންދަން މި އޮތީ ޖެހިފައި،" ޓްރަމްޕް ވިދާޅުވި އެވެ.
"އެކަމަކު ދެ ޕާޓީ އެކުވެގެން އެއަށް ވުރެ ރަނގަޅު ބިލެއް އަސްލު ހެދުނީސް."
ރަޔާން ވިދާޅުވީ ބޮޑެތި ކަންތައްތައް ވާނީ އުނދަގުލުން ކަމަށެވެ.
"މިއީ އަހަރެމެންނަށް މާޔޫސީ ދުވަހެއް،" އޭނާ ވިދާޅުވި އެވެ.