25 އޯގަސްޓް 2025 - 11:30

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރަށް ފޮނުވި ފައިސާގެ އަދަދު 143 މިލިއަން ޑޮލަރަށް ވުރެ އިތުރު ވެފައިވާ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ އިތުރުން، ޕޭމަންޓް ހިދުމަތްދޭ ތިން ތަނެއް މެދުވެރިކޮށް، މިދިޔަ އަހަރު 1.2 މިލިއަން ރެމިޓެންސް މުއާމަލާތް ހިންގާފައިވެ އެވެ.
އެ މުއާމަލާތްތަކުގެ ޖުމްލަ 13.2 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެތެރެއިން 5.8 ބިލިއަން ޑޮލަރު ނުވަތަ 13 ޕަސެންޓަކީ އިންވަޑް ރެމިޓަންސް ނުވަތަ ބޭރު ގައުމުތަކުން ރާއްޖެއަށް ފޮނުވި ފައިސާ އެވެ.
ބާކީ، 87 ޕަސެންޓަށްވާ 7.4 ބިލިއަން ޑޮލަރަކީ، ރާއްޖޭން ބޭރަށް މިދިޔަ އަހަރު ފޮނުވި ޖުމްލަ އަދަދު ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ ނިސްބަތަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިން ބޭރަށް ފޮނުވި ޖުމްލަ 143.5 މިލިއަން ޑޮލަރަކީ، 2023 ވަނަ އަހަރާ އަޅާބަލާއިރު 59 ޕަސެންޓުގެ އިތުރުވުމެކެވެ.
ބިދޭސީންގެ އިތުރުން ދިވެހިން ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަދަދު ވެސް އަހަރެއްގެ ތެރޭގައި އަށް ޕަސެންޓު އިތުރުވެ، 11.9 މިލިއަން ޑޮލަރަށް އަރާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން، މިދިޔަ އަހަރު ވެސް ރާއްޖޭން ބޭރަށް އެންމެ ގިނަ އަދަކަކަށް ފައިސާ ފޮނުވާފައިވަނީ ބަންގްލަދޭޝް މީހުންނެވެ.
މިގޮތުން، ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖޭން ބޭރަށް ފޮނުވި 112 މިލިއަން ޑޮލަރަކީ، ޖުމްލަ އަދަދުގެ 72 ޕަސެންޓެވެ.
މި އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ މަރުކަޒީ ބޭންކުން ބުނި ގޮތުގައި، ރާއްޖެ އާއި ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތައް ގުޅިގެން، މާލީ ނިޒާމުގެ ބޭރުން ވަގަށް ފައިސާ ފޮނުވުމުގެ ގިނަ ދޮރުތައް ބަންދުކުރުމުމުގެ ނަތީޖާ އެވެ.
ނޭޕާލް މީހުން ދެވަނައިގައި އޮތީ އެންމެ ޖުމްލަ އަދަދުގެ އެންމެ ފަސް ޕަސެންޓާ އެކު އެވެ.
ރެމިޓެންސްގެ މުއާމަލާތްތަކުގެ 98 ޕަސެންޓު ހިންގާފައިވަނީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.