25 އޯގަސްޓް 2025 - 11:15

ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
"ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ 25 ގަ އެވެ.
އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރައްވާތާ ތިން މަސް ދުވަސް ފަހުން، މިއަދެވެ.
ކުރިން އަމަލުކުރި ގޭންގް ކުށުގެ ގާނޫނުގެ ދަށުން، ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އަދި ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ އެފަދަ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ. އެހެންވެ، އެ ހުރަސްތަކާ ހެދި އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގު ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅައިފައެއް ނެތެވެ. އަދި އެ ގާނޫނުގެ ދަށުން މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ.
ނަމަވެސް، މިއަދު އަމަލުކުރަން ފެށި އާ ގާނޫނުގައިވާ ގޮތުން އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށްފަހު، އެފަދަ މީހުންނާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެކެވެ. އަދި ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
އެ ބިލްގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.
ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ ކަމަށް ގާނޫނުގައިވާއިރު، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އެވެ. އަދި ގޭންގްތަކުން ހިންގާ ކުށްތަކާއި ރާވައިގެން ހިންގާ ކުށްތައް ތަހުގީގު ކުރުމުގައި ހާއްސަ ބާރުތަކެއް ވެސް އެ ގާނޫނުން ދީފައިވެ އެވެ.
ނުރައްކާތެރި ކުށްތަކާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި އާއި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެ ނޫން ވެސް ތޫނު އެއްޗެއް ވިއްކުން މަނާކުރުން ފަދަ ކަންކަން އެ ގާނޫނުގައި ހިމަނާފައިވެ އެވެ.
އެ ގާނޫނުގައިވާ ގޮތުގައި ކުޑަކުދިންނަށް ވަޅި އާއި ކަޓަރު ތިލަ އަދި އެ ނޫން ވެސް ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ވިއްކުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ 20،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރިނަމަ، އެ މީހަކު ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަމަށާއި އެފަދަ މީހުންނަށް ވަޒީފާ ދީގެން ނުވާނެ ކަމަށާއި އަދި އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.
ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ގާނޫނުގައި ބުނެފައިވަނީ ވަކި ސަރަހައްދަކީ އެ މީހުންގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ނުވަތަ ކުރެހުމެއް ބޭނުންކުރުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އޭނާއަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ މީހުންނާއި ކުށްކުރާ ގޭންގުތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް އެ ގާނޫނުގައިވެ އެވެ.