25 އޯގަސްޓް 2025 - 10:15

އައްޑުއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ޔެލޯ އެލާޓް ނެެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އައްޑުއަށް ނެރުނު ޔެލޯ އެލާޓުގައި ބުނީ މިއަދު ހެނދުނު 7:45 އިން 10:45 އަށް އެ ސިޓީގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
އައްޑުއަށް އިއްޔެ ވެސް ވަރަށް ވިއްސާރަކުރި އެވެ. މޫސުމީ ރެކޯޑުތަކުން ދައްކާ ގޮތުގައި، އައްޑޫ ހިތަދުއަށް އިއްޔެ 103 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ގަމަށް 109 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ރަށްތަކަށް މިއަދު ވިއްސާރައިގެ އަސަރު ކުރި ނަމަވެސް، އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވެ އެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްރަށަށް މިއަދު ވަރަށް ހޫނުގަދަ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖު ގޮތެއްގައި 35-38 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.