24 އޯގަސްޓް 2025 - 23:25

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑްލައިން އަލުން ބިނާ ކުރަން އެ ކްލަބުން ކުރި 270 މިލިއަން ޑޮލަރުގެ ނަތީޖާ ނުފެނި، ދެވަނަ މެޗު ވެސް ނިމިއްޖެ އެވެ.

ފުލަމްއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުން ޔުނައިޓެޑް ފުއްދާލީ ޕޮއިންޓަކުންނެވެ.
މެޗުގައި ރަނގަޅަށް ކުޅުނީ ފުލަމް އެވެ. ފަހި ފުރުސަތުގެ ގޮތުގައި ޔުނައިޓެޑަށް ރަނގަޅު އެންމެ އެންމެ ހަމަލާއެއް ވެސް ނުއުފެއްދުނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލެނީ ޔުރޯ ލަނޑު ޖެހިކަމަށް ހީކޮށް އުފާފާޅު ކުރި އިރު އެ ލަނޑު ވެސް އޭނާގެ ނަމުގައި ނުގުނި އެވެ. ވީއޭއާރްގެ އެހީގައި ކަށަވަރު ކުރި އެ ލަނޑު ހިމަނާފައި ވަނީ ފުލަމްގެ ރޮޑްރީގޯ މުނިޒް އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގަ އެވެ.
ޔުނައިޓެޑަށް ލިބުނު އެންމެ ހުސް ފުރުސަތަކީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އެވެ. ކެޕްޓަން ބްރުނޯ ފެނާންޑޭޒަށް ނާކާމިޔާބުވި ޕެނަލްޓީ އޭނާ ޖެހީ ހުރަސް ދަނޑިއަށެވެ.
ފުލަމް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އެމިލް ސްމިތު ރޯ އެވެ. މެޗުގެ 73 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ކުޅެން ނުކުތް ގޮތަށް އޭނާގެ ފައިގައި ޖައްސާލި ފުރަތަމަ ބޯޅައިންނެވެ.
އޭޕްރީލުން ފެށިގެން، ލީގުގައި ޔުނައިޓެޑް ކުޅުނު މެޗުތަކުގައި އެ ޓީމަށް ލިބުނީ އެންމެ ހަ ޕޮއިންޓެވެ. އެ ޓީމުގެ ފޯޥާޑްލައިން ވަރުގަދަ ކުރަން ކޯޗު ރުބެން އަމޯރިމް ބޭނުންވާ ކުޅުންތެރިން ގަންނަން 270 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.