24 އޯގަސްޓް 2025 - 21:05

ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ ޕޯސްޓުތައް ޖަހައި، ތަފާތު އެކި ސްކޭމް ހިންގައި، މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައްޑޫ މީދޫ ފުނޯސް، އަބްދުﷲ މިލްހާނެވެ.
ފުލުހުން މިއަދު ބުނީ އެންޓި-ސްކޭމް ސެންޓަރާއި އައްޑޫ ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މީދޫއިން ކަމަށެވެ.
އެ އޮޕަރޭޝަނަކީ، އެކި ދުވަސް މަތިން ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، އެ މީހާއަކީ ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ، އެކި ދުވަސްމަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށެވެ.
އެގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް، އެ މީހުންނަށް ވެސް ފައިދާއެއް ދީ، އެ ސްކޭމްތަކުގައި ބައިވެރި ކުރުވާފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ތިން މައްސަލައެއްގައި 16،000ރ. މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަން ވެސް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް ދަނީ އިތުރުވަމުންނެވެ. އެހެންވެ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެކައުންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.