ގޯވިންދާ ބޭވަފާތެރިވި ކަމަށް ބުނެ ސުނީތާ ވަރިވާން އެދިއްޖެ
ގޯވިންދާ ބޭވަފާތެރިވި ކަމަށް ބުނެ ސުނީތާ ވަރިވާން އެދިއްޖެ

ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބޭވަފާތެރިވި ކަމަށް ބުނެ އޭނާގެ އަންހެނުން ސުނީތާ އަހޫޖާ އޭނާ ކައިރިން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ގޯވިންދާ ކައިރިން ވަރިވާން ސުނީތާ ވަނީ އިންޑިއާގެ މުމްބާއީގެ ބެންޑްރާ ފެމެލީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކޯޓަށް ހުށަހެޅި އެ މައްސަލައިގައި، ގޯވިންދާ ކައިރިން އޭނާ ވަރިވާން އެދޭ ސަބަބުތަކުގެ ތެރޭގައި ނަހަމަ ގުޅުމެއް ބޭއްވުމާއި އަނިޔާވެރިވުމާއި ދުރުގައި އުޅުން ހިމެނެ އެވެ.

ގޯވިންދާ އާއި ސުނީތާގެ 38 އަހަރުގެ ކައިވެނި ރޫޅާލަން އުޅޭ ވާހަކަ މީގެ ހަ ވަރަކަށް މަސްދުވަސް ކުރިން ވެސް މީޑިއާއަށް ތިލަވި އެވެ. އެކަމަކު، ވަރިވާން އުޅޭ ސަބަބު ނޭނގި ގިނަ ދުވަސްތަކެއްވީ ފަހުން އެ ވާހަކަ އަލުން ދެކެވެން ފެށީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު ބައެއް މީޑިއާތަކަށް ލިބުމުންނެވެ.

މި ވާހަކަތައް ދޮގުނުކޮށް ގޯވިންދާގެ މެނޭޖަރު ޝަޝީ ސިންހަ ފްރެސް ޓްރަސްޓް އިންޑިއާ ނޫހަށް ބުނީ އެ ދެމީހުންގެ ވަރީގެ މައްސަލަ ކޯޓުގައި މިހާރު ހިނގަމުންދާ ކަމަށާއި ސުނީތާ ހުށަހަޅާފައިވާ އެ މައްސަލައިގައި ގޮތެއް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އެ މީހުންގެ ވަރިވިޔަސް، އާއިލާގެ ގުޅުންތައް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ވަރިވާ ސަބަބާ ގުޅޭ ގޮތުން މެނޭޖަރު އެއްވެސް އެއްޗެއް ނުބުނެ އެވެ.

ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ދެ ކުދިން ތިބެ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ކާމިޔާބު އެކްޓަރެއް ކަމަށްވާ ގޯވިންދާ މިހާރު މަސައްކަތް ކުރަނީ ސިޔާސީ ދާއިރާގަ އެވެ.