23 އޯގަސްޓް 2025 - 23:02

ނިއު ރޭޑިއަންޓްގެ ކޯޗުކަމަށް ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ހަމަޖައްސަން ނިންމާފައިވާ ކަމަށް ކްލަބްގެ އޮފިޝަލަކު ބުނެފި އެވެ.
"ޗެއާމަން [އަހްމަދު މުބީން] އެކަން ހަމަޖައްސާފައިވާތާ ކުޑަ ދުވަސްކޮޅެއް ވެސް ވެއްޖެ،" ނަން ހާމަ ކުރުމުން، ގުޅުން ގޯސް ވެދާނެތީ ނަން ޖަހަން ބޭނުން ނުވެ ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.
ނިއު އަށް ކުޅުންތެރިން ގެނައުމަށް ބައެއް ކުޅުންތެރިންނާ ވެސް ސުޒޭން ވާހަކަ ދައްކަމުންދާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ނިއުގެ ކޯޗުކަން އެންމެ ފަހުން އަދާކުރީ ސޮބާހް މުހައްމަދު އިބްރާހިމެވެ. އޭޕްރީލް، މެއިގައި އެފްއޭއެމުން ބޭއްވި ލީގު ކަޕްގައި ވެސް އެ ޓީމަށް އިރުޝާދު ދިނީ ސޮބާ އެވެ. އެފްއޭއެމުން މިހާރު ވަނީ އޭނާ، 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖައްސައިފަ އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ އެކު ހަދާ ޑީލެއްގެ ދަށުން، ސަސްއިން ލީގުގައި ވާދަނުކޮށް ދޫކޮލާ ފުރުސަތަށް އަލުން ފުރަތަމަ ޑިވިޝަނަށް ވަންނަން ނިއުއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެކަމަކު ކްލަބްގެ ޗެއާމަން މުބީން ކުރިން "މިހާރު" އަށް ވިދާޅުވީ ނިއުއިން ތައްޔާރު ވަނީ އެ ޓީމުން ވާދަކުރަން ޖެހޭ މުބާރާތަށް ކަމަށެވެ.
"ކްލަބް އޮތް ތަނެއްގައި [ޑިވިޝަނެއް] ގައި ވަދަކުރާނީ. ކްލަބް ވަރުގަދަ ކުރަނީ ވެސް ވާދަކުރަން ޖެހޭ ތަނެއްގައި ވާދަކުރަން،" މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.
ސުޒޭނަކީ އެފްއޭމުން އެކުލަވާލާފައިވާ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަނެވެ. އެ ކޮމިޓީގެ ނައިބަކީ މުބީނެވެ.