އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ފޭރުނު މީހާ މިފަހަރު ހައްޔަރުކުރީ ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތަށް
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ފޭރުނު މީހާ މިފަހަރު ހައްޔަރުކުރީ ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތަށް

އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު ދޫކޮށްލާފައި ހުއްޓާ ތިން ޗޮކްލެޓް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގ. ބެރުގެ، މުހައްމަދު ނަވީން ހައްޔަރުކުރީ އިމިގްރޭޝަންގެ އޮފިސަރުންތަކަކަށް ހެދިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް އިތުރު ބަޔަކާއެކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރުނު މައްސަލައެއްގެ ތުހުމަތުގަ އެވެ.

އެކަމަކު އޭނާ ދޫކޮށްލާފައި ހުއްޓާ ފިހާރައަކުން ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން ޗޮކްލެޓް ހިފައިގެން އޭނާ ދިޔައީ ފައިސާ ނުދައްކަން ނޫން ކަމަށާއި ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާއަކީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށް، ބަންދުގެ ރެކޯޑު ގިނަ މީހެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އެ މައްސަލާގައި އޭނާ ބުނެފައިވަނީ ވަކީލަކު ބޭނުންނުވާ ކަމަށެވެ.